1996 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ޕޮޕް ރަސްގެފާނު މައިކަލް ޖެކްސަން އާއި މަޝްހޫރު ޑައިރެކްޓަރު ސްޕައިކް ލީ ބްރެޒިލަށް ދިޔައީ އޭނާގެ ކެރިއަރުގައިވެސް ނެރުނު އެންމެ ސިޔާސީ އަދި ބާރުގަދަ އެއް ލަވަ ކަމަށްވާ "They Don’t Care About Us"ގެ މިއުޒިކް ވީޑިއޯ ޝޫޓް ކުރުމަށެވެ.
އެމީހުން ބޭނުންވީ ބްރެޒިލްގެ ދެ ސަރަހައްދެއްގައި މި ވީޑިއޯ ކްލިޕް ކުޅޭށެވެ. އެއީ ސަލްވަޑޯރގެ ތާރީޚީ 'ޕެލޮރީނިއޯ' ސަރަހައްދާއި، ރިއޯ ޑި ޖެނީރޯގެ ފަރުބަދަމަތީގެ ފަގީރު އަވަށެއް ކަމަށްވާ "ސަންޓާ މާރްތާ" ފަވެލާއެވެ. ނަމަވެސް، ބްރެޒިލްގެ ސަރުކާރުން ބޭނުންވީ މިފަދަ ފަގީރު އަދި ކުށް ގިނަ ސަރަހައްދުތައް ދުނިޔޭގެ ސަމާލު ކަމަށް ނުގެނައުމަށެވެ.
އެ ދުވަސްވަރު ރިއޯ ޑި ޖެނީރޯ އިން ދިޔައީ 2004 ވަނަ އަހަރުގެ އޮލިމްޕިކްސް ބޭއްވުމަށް ބިޑް ކުރަމުންނެވެ. އެހެންކަމުން، މައިކަލް ޖެކްސަން ފަދަ ބޮޑު ތަރިއަކު ފަގީރު އަވަށެއްގެ ކުދިންނާއެކު، ބައިނަލްއަގުވާމީ މީޑިއާގެ ކުރިމަތީގައި ލަވަ ކުޅުމުން ސިޓީގެ އަގު ވެއްޓި، އޮލިމްޕިކްސް ގެއްލިދާނެ ކަމަށް އޮފިޝަލުން ބިރުގަތެވެ.
ބްރެޒިލްގެ ފަނޑިޔާރަކު ފުރަތަމަ މި ޝޫޓިން ހުއްޓުވަން އަމުރެއް ނެރުނު ނަމަވެސް، މަތީ ކޯޓަކުން އެ އަމުރު ބާތިލްކުރިއެވެ. ސަރުކާރުން ޖެކްސަންގެ މައްޗަށް ތުހުމަތުކުރީ ފަގީރުންގެ ހާލަތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ ކަމަށެވެ. އަދި ފަވެލާ (ފަގީރު އަވަށް) އަށް ސެކިއުރިޓީ ދޭން ފުލުހުން ދެކޮޅު ހެދިއެވެ.
މި ހާލަތުގައި، ޑައިރެކްޓަރު ސްޕައިކް ލީއަށް ޖެހުނީ އެ އަވަށަށް ވަންނާނެ އެހެން ގޮތެއް ހޯދާށެވެ. އޭނާ އެހީއަށް އެދުނީ ބްރެޒިލަށް އުފަން، ބްރައުން ޔުނިވަރސިޓީގެ ގްރެޖުއޭޓެއް ކަމަށްވާ ކާޓިއާ ލުންޑް ގެ ކިބައިންނެވެ. (އޭނާ އަކީ ފަހުން މަޝްހޫރު ފިލްމު City of God ކޯ-ޑައިރެކްޓް ކުރި މީހާއެވެ).
ކާޓިއާ ފަރުބަދައަށް އަރައި، ސަންޓާ މާރްތާ އަވަށުގެ ހަގީގީ ވެރިޔާ އާ ބައްދަލުކުރިއެވެ. އޭނާގެ ނަމަކީ މާސިއޯ އަމާރޯ ޑި އޮލިވޭރާ އެވެ. ނަމަވެސް މަގުމަތީގައި އޭނާއަށް ކިޔަނީ މާސީނިއޯ ވީޕީ އެވެ. އޭނާއަކީ ރިއޯގެ އެންމެ ބާރުގަދަ އެއް ޑްރަގް ގޭންގުގެ އިސްވެރިޔާއެވެ. ނަމަވެސް، އޭނާއަކީ މައިކަލް ޖެކްސަންގެ ވަރަށް ބޮޑު ފޭނެކެވެ.
މާސީނިއޯ، ކާޓިއާ މެދުވެރިކޮށް ސްޕައިކް ލީއަށް މެސެޖެއް ފޮނުވިއެވެ. އޭނާ ބުންޏެވެ.
"އަވަށަށް އާދޭ. އެއްވެސް ފައިސާއެއް ދޭން ނުޖެހޭނެ. ބޭނުންނަމަ އެއް މިލިއަން ޑޮލަރު ނަގުދު ފައިސާ ކެމެރާ ސާމާނު ކައިރީގައި މަގުމަތީގައި ބަހައްޓާފައި ބެހެއްޓިޔަސް، މި އަވަށުގެ އެކަކުވެސް އޭގައި އަތެއް ނުލާނެ. މައިކަލް ޖެކްސަން މިތަނުގައި ހުއްޓާ، މިއީ ދުނިޔޭގައިވާ އެންމެ ރައްކާތެރި ތަން ކަމުގައި ވާނެއެވެ." އޭނާ ބުންޏެވެ.

އެމީހުން ތިން ދުވަސް ވަންދެން އެ އަވަށުގައި އެއްވެސް ބِިރެއް ނެތި ވީޑިއޯ ޝޫޓް ކުރިއެވެ. އަވަށުގެ ސަތޭކައަށްވުރެ ގިނަ ރައްޔިތުން މައިކަލްއާއެކު މަގުމަތީގައާއި ފުރާޅުތައް މަތީގައި ނަށައި އުފާފާޅުކުރިއެވެ. ލަވައިގެ ފެށުމުން ފެންނަނީ ސަލްވަޑޯރގެ 'އޮލޮޑަމް' ކިޔާ އެފްރޯ-ބްރެޒިލިއަން ޑްރަމް ގްރޫޕެއްގެ ފުރިހަމަ ހުށަހެޅުމެކެވެ. ބްރެޒިލްގެ ފުލުހުންނަށް އެ އަވަށަށް ވަންނާކަށް ނުޖެހުނެވެ. ގޭންގް ލީޑަރު އޭނާގެ ބަސް ހިފެހެއްޓިއެވެ.
2009 ވަނަ އަހަރު މައިކަލް ޖެކްސަން ކުއްލި ގޮތަކަށް މަރުވުމުން، ރިއޯގެ މޭޔަރު ވަނީ ސަންޓާ މާރްތާ ފަވެލާގައި މައިކަލް ޖެކްސަންގެ ބްރޮންޒް ބުދެއް ބަހައްޓާފައެވެ. އޭނާ ވީޑިއޯގައި ނެށި ސަރަހައްދުގައި ހުންނަ މި ބުދަކީ މިއަދުވެސް ދުނިޔޭގެ އެކި ކޮޅުތަކުން ބްރެޒިލަށްދާ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.





