ރާއްޖޭގައި ފީނަން އުޅުމުގެ ތެރޭގައި ދާދި ފަހުން ހިނގި ހިތާމަވެރި ހާދިސާތަކެއްގައި އިޓަލީގެ 5 ޑައިވަރަކާއި ދިވެހި ސިފައިންގެ ޑައިވަރެއްގެ ފުރާނަ ގެއްލިގެން ދިއުމާ ގުޅިގެން، އިނަރ މޯލްޑިވްސްގެ ވެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ، ހަ މީހެއްގެ ފުރާނަ ގެއްލިގެން ދިޔަ މި ހިތާމަވެރި ހާދިސާތަކާއެކު، ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ރާއްޖެއަށް ވަރަށް ބޮޑަށް ހުއްޓިފައިވާ ކަމަށެވެ. އަދި މިއީ މުޅި ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ނަން މިފަދަ ހިތްދަތި ގޮތަކަށް ފާހަގަވެގެންދިޔަ ދަނޑިވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފިރާގު ވިދާޅުވި ގޮތުގައި، މިހާރުން މިހާރަށް ކަމާބެހޭ އިދާރާ ތަކުންނާއި ރެގިއުލޭޓަރުން ޑައިވިންގ ސަލާމަތީ ސިޔާސަތުތައް އިތުރަށް ހަރުދަނާކޮށް، އޮޕަރޭޝަނަލް ސްޓޭންޑަރޑްތައް ހަރުކަށިކުރަން ޖެހެއެވެ. އަދި ފީނުމުގެ ކަންކަން މޮނިޓަރ ކުރާނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހި ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ޑައިވިންގ މަންޒިލް. އެހެން ކަމުން، ފަތުރުވެރިންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް އެންމެ އިސްކަންދޭން ޖެހޭނެ ކަންތައް،" ފިރާގު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ހާދިސާތަކުގައި ފުރާނަ ގެއްލުނު ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވަމުން، ފިރާގު ވިދާޅުވީ މި ހިތާމަވެރި ތަޖުރިބާގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން އިސްލާހުވެ، ރައްކާތެރިކަން ކަށަވަރު ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައް ދުތަކުގައި ފީނަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާތައް ހިނގަމުންދާކަން ފާހަގަ ކުރެވޭއިރު، މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.





