އީރާނަށް ދޭން އުޅުނު ހަމަލާ އަރަބި ގައުމުތަކުގެ އެދުމުގެ މަތިން މަޑުޖައްސާލައިފިން: ޓްރަމްޕް

އީރާނަށް ދޭން އުޅުނު ހަމަލާ އަރަބި ގައުމުތަކުގެ އެދުމުގެ މަތިން މަޑުޖައްސާލައިފިން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އަންގާރަ ދުވަހު އީރާނަށް ދިނުމަށް ރާވާފައިވާ އަސްކަރީ ހަމަލާ، ބައެއް އަރަބި ގައުމުތަކުގެ އެދުމުގެ މަތިން މަޑުޖައްސާލާފައިވާ ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ސީރިއަސް މަޝްވަރާ ތަކެއް މިހާރު ކުރިއަށްދާ ކަމަށް ފާހަގަ ކުރައްވަމުންނެވެ. ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ހަމަލާ މަޑުޖައްސާލުމަށް އެދިވަޑައިގަތީ ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ލީޑަރުން ކަމަށެވެ. އެމެރިކާއަށް ގަބޫލުކުރެވޭ ފަދަ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، "އީރާނަށް ނިއުކްލިއާ ހަތިޔާރު ނުލިބޭނެ" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް، އެކަށީގެންވާ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ކޮންމެ ވަގުތެއްގައި ވެސް އީރާނަށް ވަރުގަދަ ހަމަލާއެއް ދިނުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ. މިކަމާ ގުޅޭގޮތުން އީރާނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިޒްރޭލާއި އެމެރިކާގެ ފައުޖުތަކުން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާއިރު، އީރާނުން ވަނީ އިޒްރޭލާއި ޚަލީޖީ ގައުމުތަކުގައި ހުރި އެމެރިކާގެ އަމާޒުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. އޭޕްރީލް މަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބައެއް ފަހަރު ބަދަލުކުރެވޭ ހަމަލާތަކާއެކު ވެސް ބޮޑުބައިގައި އަންނަނީ އަމަލުކުރަމުންނެވެ.

މަޝްވަރާތައް ކުރިއަށްދާއިރު، އީރާނުން ވަނީ ހުރިހާ ފްރަންޓެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އެމެރިކާގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް އެދިފައެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެ ގައުމުން ތަކުރާރުކޮށް ބުނަމުންދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *