ޕާކިސްތާނު އަސްކަރިއްޔާއިން 8،000 ސިފައިން ސައުދީގެ ހިމާޔަތައް ފޮނުވައިފި

ޕާކިސްތާނު އަސްކަރިއްޔާއިން 8،000 ސިފައިން ސައުދީގެ ހިމާޔަތައް ފޮނުވައިފި

ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ދިފާއީ އެއްބަސްވުމުގެ ދަށުން، ސައުދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޕާކިސްތާނުން 8،000 ސިފައިން ސައުދީ އަރަބިއްޔާއަށް ފޮނުވައިފިއެވެ. ސިފައިންގެ އިތުރުން ފައިޓަރ ޖެޓްތަކާއި، ޒަމާނީ ޑްރޯންތަކާއި، ވައިގެ ދިފާއީ ނިޒާމުތައް ވެސް ޕާކިސްތާނުން ވަނީ ސައުދީ އަރަބިއްޔާއަށް ފޮނުވާފައެވެ.

މި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައި ޒަމާންވީ ގޮތުން ދެމިއޮތް ވަރުގަދަ އަސްކަރީ އަދި ސިޔާސީ ގުޅުން ހާމަކޮށްދޭ ކަމެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ޕާކިސްތާނުގެ އަސްކަރީ ވަސީލަތްތައް ސައުދީގައި ގާއިމުވުމާ ގުޅިގެން، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ ހަރުދަނާ ވެގެންދާނެ ކަމަށް ވެސް ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

މެދުއިރުމަތީގެ ސިޔާސީ ހާލަތު ނުތަނަވަސްވެ، ހާއްސަކޮށް އީރާނާއި އެމެރިކާއާ ދެމެދު ހިޔާލުތަފާތުވުންތައް ހަނގުރާމައެއްގެ ބިރު ހިއްގާ ހިސާބަށް ދިއުމާ ގުޅިގެން، ސައުދީ އަރަބިއްޔާގައި ހިންގަމުންދާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ރައްކާތެރިކަމާ ވެސް ސުވާލު ވަނީ އުފެދިފައެވެ. ފަދަ ނާޒުކު ދަނޑިވަޅެއްގައި ޕާކިސްތާނުން ސައުދީ ދިފާއުގައި ކުރިމަތިލުމަކީ ސަރަހައްދީ ހަމަޖެހުމަށް ލިބޭ ހިތްވަރެއް ކަމަށް ބެލެވެއެވެ.

ޕާކިސްތާނުން ތަކުރާރުކޮށް ހާމަ ކޮށްފައިވަނީ، ސައުދީ ބިމަށް ނުވަތަ ދީނީ ބިނާތަކަށް ނުރައްކަލެއް ކުރިމަތިވެދާ ކޮންމެ ވަގުތެއްގައިވެސް، ތިމާމެން ސައުދީ ސަލާމަތް ކަށަވަރު ކުުރުމަށް ސާބިތުކަމާ ގުޅި ލާމެހިގެންވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ސަރަހައްދީ ހަމަޖެހުމަށް ބަދަލު އަތުވެދާ ހާލަތެއްގައި، ޕާކިސްތާނުގެ ވަސީލަތްތައް ބޭނުންކުރެވިގެންދާ ގޮތް ގިނަ ބަޔެއްގެ ސަމާލުކަމަށް ވަންނާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *