ވ. އަލިމަތާ ކަނޑު އޮޅީގައި އޮންނަ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް ފެނިއްޖެ ކަމުގައި އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި ކަނޑުއަޑީގެ ހޮހަޅައަކުން ހަށިގަނޑުތައް ފެނިފައި ވަނީ އެމްއެންޑީއެފް ކޯސްޓު ގާޑާއި ފުލުހުންނާ އަދި މިކަމަށްޓަކައި އިޓަލީ ސަރުކާރުން ފޮނުވި ތަޖުރިބާކާރުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެމްއެންޑީއެފުން ބުނީ މި ޓީމުން ގުޅިގެން ކުރާ މަސައްކަތުގައި ދެން އޮތީ ހޮހަޅައިގެ ތެރޭގައި ތިބި މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކަމަށެވެ.
އިޓަލީގެ ފަސް ޑައިވަރުން ގެއްލުނު މި ހާދިސާގައި މީގެކުރިން ވަނީ އެކަކު ފެނިފައެވެ. އޭނާވެސް ފެނުނުއިރު އޮތީ މަރުވެފައެވެ. އޭނާވެސް ފެނިފައި ވަނީ އެ ހޮހަޅައިގެ ތެރެއިންނެވެ.





