ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބުރުގެ ދަރިވަރުން ދަސްވެނިވުމާ ގުޅިގެން، އެ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލި ހުރިހާ ދަރިވަރުންނަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވާފައެވެ.
މި ފަހަރުގެ ބުރުގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 343 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 280 ފިރިހެން ކުދިންނާއި 63 އަންހެން ކުދިންނެވެ. އުމުރުގެ ގޮތުން ބަލާއިރު، 18 އަހަރުން ދަށުގެ 113 ކުދިން މި ބުރުގައި ބައިވެރިވެފައިވާއިރު، 18 އަހަރުން މަތީގެ 230 ފަރާތެއް ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަކީ ގައުމަށް ބޭނުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.





