ފަލަސްޠީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގެ (ވެސްޓް ބޭންކް) ބިމުގެ ބައްޓަމަށް ބަދަލުތައް ގެނައުމަށާއި، ޣައިރުޤާނޫނީ އާބާދުވުންތައް ފުޅާކުރުމަށްޓަކައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކާއި ވަޒަންވެރިން، އަސްކަރީ ވަސީލަތްތަކާއި ބިންތައް ހިފެހެއްޓުމުގެ އަމުރުތައް ބޭނުންކުރަމުންދާ ކަމަށް ފަލަސްޠީނުގެ ރަސްމީ ރިޕޯޓަކުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހު ނެރުނު ރިޕޯޓެއްގައި ކަމަށް އަނަޑޯލޫ ނޫސް އެޖެންސީން ރިޕޯޓްކުރެއެވެ. ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ "ނެޝަނަލް ބިއުރޯ ފޯ ޑިފެންޑިންގް ލޭންޑް އެންޑް ރެސިސްޓިންގް ސެޓްލްމަންޓްސް" އިން ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި ބުނެފައިވަނީ، އިސްރާއީލުގެ އަސްކަރިއްޔާއާއި ރަސްމީ އިދާރާތަކުގެ އެހީތެރިކަމާއެކު، އިސްރާއީލުގެ ވަޒަންވެރިން ފާއިތުވި އަހަރުތަކުގައި ހުޅަނގު އައްސޭރީގެ ޗާޓަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފައިވާ ކަމަށެވެ.
ރިޕޯޓުގައިވާ ގޮތުން މި ހަރަކާތްތައް ހިންގާފައިވަނީ "އަސްކަރީ ވަސީލަތްތަކާއި ބިންތައް ހިފެހެއްޓުމުގެ އަސްކަރީ އަމުރުތައް ބޭނުންކޮށްގެން، އާ މަގުތައް ހަދައި، ކުދި އާބާދުވުންތައް ބޮޑެތި އާބާދުވުންތަކާ ގުޅާލުމުގެ" ޒަރީޢާއިންނެވެ.
މީގެ އިތުރުން، މި ސިޔާސަތުގެ ދަށުން އާބާދުވުންތަކުގެ ބޭނުމަށްޓަކައި އަސްކަރީ ތަމްރީނުތައް ހަދާ ސަރަޙައްދުތަކުގެ (ފައިރިންގް ޒޯންސް) ބޯޑަރުތަކަށް ބަދަލުތައް ގެނައުމާއި، އާބާދުވުން ތަކަށް ޚިދުމަތްދޭ މަގުތައް ހެދުމަށް އަސްކަރީ އަމުރުތައް ނެރުމާއި، އަދި ދޫކޮށްލާފައިވާ އަސްކަރީ ކޭމްޕްތައް އާންމުން ދިރިއުޅޭ އާބާދުވުން ތަކަށް ބަދަލުކުރުން ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ފާއިތުވި އަހަރުތަކުގައި ޖޯޑަން ވެލީ (އުރުދުން ވާދީ) އާއި މަސާފިރު ޔައްޠާ ސަރަޙައްދުގައި ހުރި ފަލަސްޠީނުގެ މުޅި މުޖުތަމަޢުތައް ސުންނާފަތިކޮށް، އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުން މަޖުބޫރުން ބޭރުކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެއަށްފަހު އެ ސަރަޙައްދުތަކުގައި އިސްރާއީލުގެ އާ އާބާދުވުންތައް ގާއިމުކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން ބައެއް ތަންތަން ހަދާފައިވަނީ އިސްރާއީލުގެ ސިޔާސީ ލީޑަރޝިޕާ ސީދާ ގުޅިގެން ކަމަށް ބުނެފައިވެއެވެ.
އިސްރާއީލުގެ "ހާއާރެޓްޒް" ނޫހާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، އިސްރާއީލު ސިފައިންގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރު ފާއިތުވި މަސްތަކުގައި ހުޅަނގު އައްސޭރީގެ ތަމްރީނު ސަރަޙައްދުތަކުގެ ބޯޑަރުތައް ބަދަލުކުރުމަށް އަށް އަމުރެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މިއީ މިހާރު ހުރި ޣައިރުޤާނޫނީ އާބާދުވުންތަކަށް ޤާނޫނީ ސިފައެއް ދިނުމަށާއި، އެހެން އާބާދުވުންތައް ފުޅާކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
"ވަގުތީ ގޮތުން ސަލާމަތީ ބޭނުންތަކަށް ނެރޭ އަސްކަރީ ބިން ހިފެހެއްޓުމުގެ އަމުރުތައް، މިހާރު ވަނީ އާބާދުވުންތައް ފުޅާކުރުމުގެ މަޝްރޫޢަށް އެހީތެރިވެދޭ މައިގަނޑު ވަސީލަތަކަށް ބަދަލުވެފައި،" ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެ ބިއުރޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 އާއި 2025 އާ ދެމެދު "ސަލާމަތީ ބޭނުންތަކަށް" ގެ ނަމުގައި ބިން ހިފެހެއްޓުމުގެ 140 އަސްކަރީ އަމުރެއް ނެރެފައިވެއެވެ. މީގެ ތެރެއިން %81 އަމުރު ޚާއްޞަކޮށްފައިވަނީ ޣައިރުޤާނޫނީ އާބާދުވުންތަކާއި އާބާދުވުމަށް ހަދާފައިވާ ކުދި ކުދި ސަރަޙައްދުތަކަށެވެ.
ފަލަސްޠީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ ނިޔަލަށް ހުޅަނގު އައްސޭރީގައި އިސްރާއީލުގެ 645 ޣައިރުޤާނޫނީ އާބާދުވުމާއި އަސްކަރީ މަރުކަޒު ހުއްޓެވެ. މީގެ ތެރޭގައި 151 ބޮޑު އާބާދުވުމާއި، 350 ކުދި އާބާދުވުން (މީގެ ތެރޭގައި 89 ޕާސްޓޯރަލް ނުވަތަ ދަނޑުވެރިކަމާ ގުޅޭ ކުދި އާބާދުވުން ހިމެނޭ)، އަދި އަސްކަރީ ކޭމްޕްތަކާއި ސިނާޢީ، ފަތުރުވެރިކަމުގެ އަދި ޚިދުމަތްދޭ ސަރަޙައްދުތައް ހިމެނޭ 144 އިތުރު މަރުކަޒު ހިމެނެއެވެ.
2024 ވަނަ އަހަރުގެ ނިޔަލަށް ހުޅަނގު އައްސޭރީގައި ދިރިއުޅޭ އިސްރާއީލުގެ ވަޒަންވެރިންގެ އަދަދު ގާތްގަނޑަކަށް 778,500 އަށް އަރާފައިވާއިރު، މީގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ ޤުދުސް (ޖެރޫސަލަން) ގަވަރްނޮރޭޓްގައެވެ





