އެމްއެންޑީއެފް ކޯސްޓްގާޑްގެ އޮފިސަރުން 100 މީޓަރު އަޑިއަށް ޑައިވްކުރެވޭ ފެންވަރަށް ތަމްރީންކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިކަން ހާމަކޮށްދެއްވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމެވެ.
ސަލީމް ވިދާޅުވީ، މިހާރު ސިފައިންގެ ޑައިވަރުން ކޮލިފައިވެފައި ތިބެނީ 50 މީޓަރަށް ޑައިވްކުރުމަށް ކަމަށެވެ. ނަމަވެސް 100 މީޓަރަށް ޑައިވްކުރެވޭ ފެންވަރަށް ޑައިވަރުން ގެންދިޔުމަށްޓަކައި، އަވަށްޓެރި ބައެއް ގައުމުތަކުގެ ފަންނީ އެހީ ހޯދައިގެން ހާއްސަ ތަމްރީން ޕްރޮގްރާމެއް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ، މި ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި މިމަހު ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
"މިއަހަރު ތެރޭގައި 100 މީޓަރަށް ޑައިވްކުރެވޭ ފެންވަރަށް ޑައިވަރުން ގެންދިއުމަށްޓަކައި ޕްރޮގްރާމެއް ފަށާފައިވަނީ. މިމަހުގެ ތެރޭގައި މީގެ ސެކަންޑް ފޭސް ހިނގާނެ. މިއަހަރު ނިމުމުގެ ކުރިން އެއަށް ބޭނުންވާ މީހުން ތަމްރީންކޮށް ކުރިއަށްގެންދެވޭތޯ މި ބަލަނީ،" ސަލީމް ވިދާޅުވިއެވެ.
ސަލީމް މިހެން ވިދާޅުވިއިރު، މިމަހުގެ 14 ވަނަ ދުވަހު ވ. އަތޮޅުގައި ފީނަން ގޮސް ތިބި އިޓަލީ ޑައިވަރުންތަކެއް ގެއްލި، ރިސްކު ބޮޑު ހާދިސާއެއް ހިނގާފައިވެއެވެ. އެ ހާދިސާގައި ގެއްލުނު ޑައިވަރުންގެ ތެރެއިން، ނިޔާވި ޑައިވަރެއްގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން، ކޭވެއްގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ބާކީ ތިބި ހަތަރު ޑައިވަރުން ވީ ތަނެއް ނޭނގި ގެއްލިފައިވާއިރު، ލަފާކުރެވެނީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ ކޭވްގެ ތެރޭގައި ތިބި ކަމަށެވެ. ހިތާމަވެރި ވ. އަތޮޅު ހާދިސާ، ސިފައިންގެ ޑައިވަރުންގެ ޑައިވިން ގާބިލުކަން އިތުރު ކޮށް، ފުނު ފީނުމުގެ ތަމްރީން ހަރުދަނާ ކުުރުމުގެ މުހިއްމުކަން ހާމަކޮށްދޭ ހެއްކަކަށް ވެފައިވެއެވެ.





