ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ މި ސަރުކާރުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުތަކަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ދޮގު ކުރައްވައިފިއެވެ.
އުޝާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭ ބޭއްވި ތިން ރައީސުންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅަކީ އިތުރުފުޅެއް ކަމަށެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ ސަރުކާރުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.
އުޝާމް ވިދާޅުވި ގޮތުގައި، އެ މައްސަލާގައި އެންމެ ފަހުން ބަންދުގައި ހުރި ފަރާތް ވެސް ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މިއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ މާ ކުރިން ހިނގާފައިވާ ކަމެއްކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
"މިކަހަލަ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައިވެސް ރައްޔިތުންނަށް އޮޅުވާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމަކީ ދެރަ ކަމެއް،" ބަންޑާރަނައިބުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރޭގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރިލްވާންގެ މައްސަލާގައި އިންސާފު ހޯދައިދިނުމަށް މި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ތުހުމަތުކުރައްވައި ވާހަކަދައްކަވާފައެވެ. ނަމަވެސް ބަންޑާރަނައިބު އުޝާމް ވަނީ އެކަން އެ ވާހަކަތައް ދޮގުކުރައްވާފައެވެ.





