ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް، އަދި ގަތަރުގެ ސަފީރަކަށް ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އައްޔަން ކުރެއްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ދެ ބޭފުޅުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައީސް ފޮނުއްވި ސިޓީ، މަޖިލީހުގެ ޖަލްސާގައި އިއްވުމަށް ފަހު، ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ. ތޯރިގާއި އާދަމް ޝަރީފު މިހާރު ތިއްބެވީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.
ޔޫއޭއީ ސަފީރުގެ މަގާމު ހުސްވީ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ފާއިތުވި އޭޕްރީލް 6 ގައި ސަފީރުކަމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. ތޯރިގު ޔޫއޭއީ ސަފީރަކަށް ވެވަޑައިގެންފި ނަމަ، ކުރީގެ ދެ ސަރުކާރެއްގައި ތިން ދައުރަށްވުރެ ދިގު ތަޖުރިބާ ހިމެނޭ ތޯރިގު ވެވަޑައިގަންނަވާނީ ގިނަ ދުވަހު ވަޒީރުކަން ކުރެއްވި ތަޖުރިބާކާރު ސިޔާސީ ބޭފުޅެއްގެ ގޮތުގައި ހިދުމަތް ކުރައްވާ ސަފީރަކަށެވެ.
އާދަމް ޝަރީފު ގަތަރު ސަފީރަކަށް ހަމަޖެހިއްޖެ ނަމަ، ރާއްޖެ އިން އެ ގައުމަށް ކަނޑައަޅާ ފުރަތަމަ ސަފީރަކަށް ވެވަޑައިގަންނަވާނެ އެވެ. ރައީސް މުއިއްޒު ގަތަރުގައި ރާއްޖޭގެ އެމްބަސީ ހުޅުއްވީ 2024 ވަނަ އަހަރުގެ ޖޫން 29 ގަ އެވެ. ރާއްޖެ އާއި ގަތަރާ ދެމެދު ހާރިޖީ ގުޅުން ފުރަތަމަ ގާއިމުކުރީ 1984 ގަ އެވެ.





