ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ދެކުނާއި މެދުރާއްޖެތެރޭ ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެ އެވެ.
މެޓް އޮފީހުން ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ވަޑައިގަތުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކުރިއަށްއޮތް ގަޑިތަކުގައި ގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ހެނދުނު 10:00 އިން ހަވީރު 4:00 އަށް ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ހުދު ސަމާލު ވަނީ ނެރެފަ އެވެ. މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ކުރިއަށްއޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެ އެވެ. އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވި އެވެ.
ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް އިދާރާއިން ވަނީ ވިދާޅުވެފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ހިތަދޫ އަށެވެ. ހިތަދޫ އަށް 59.3 މިލިމީޓަރގެ ވާރޭ ވެހިފައިވާ ކަން މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންނަށް އިރުޝާދު ދެއްވާފަ އެވެ. ވިއްސާރައިގައި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމަށާއި، ވައިގަދަވާ ހާލަތުގައި ބޭރުގައި ހުންނަ ތަކެތި ވައުން ތަތްކޮށް ރަނގަޅަށް ބެހެއްޓުމަށްވެސް އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.





