މަދޫބާލާ: ހިންދީ ސިނަމާގެ އޮއްސުމެއް ނެތް ތަރި

މަދޫބާލާ: ހިންދީ ސިނަމާގެ އޮއްސުމެއް ނެތް ތަރި

އިންޑިއާގެ ފިލްމީ ތާރީޚަށް ބަލާއިރު، މަދޫބާލާ އަކީ ހަމައެކަނި ބަތަލާއެއް ނޫނެވެ. އޭނާއަކީ ރީތިކަމާއި، ހުނަރުވެރިކަމުގެ މިސާލެކެވެ. "ދަ ވީނަސް އޮފް އިންޑިއަން ސިނަމާ" ގެ ނަމުން މަޝްހޫރުވި މަދޫބާލާއަކީ މިއަދުވެސް އެތައް މިލިއަން ބައެއްގެ ހިތްތަކުގައި ރަސްކަން ކުރަމުންދާ ފަރާތެކެވެ.

މަދޫބާލާ އުފަންވީ 14 ފެބްރުއަރީ 1933 ގައެވެ. އޭނާގެ އަސްލު ނަމަކީ މުމްތާޒް ޖަހާން ބޭގަމް ދެހްލަވީއެވެ. އޭނާގެ ފިލްމީ ދަތުރު ފެށުނީ ވަރަށް ތުއްތު އުމުރުގައެވެ. އާއިލާގެ މާލީ ހާލަތު ހުރިގޮތުން، އުމުރުން އެންމެ 9 އަހަރުގައި "ބަސަންތު" (1942) އިން އޭނާ ސިނަމާއަށް ތައާރަފްވިއެވެ.

މަދޫބާލާގެ ރީތިކަމާއި ޗާލާކީ ކަމަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވުނު ކަމެކެވެ. އޭނާގެ ހިނިތުންވުމާއި، ދެލޮލުގެ ތޫނުކަމަކީ ބެލުންތެރިން އާޝޯޚުކޮށްލާ ފަދަ ސިފަތަކެކެވެ. ގިނަ ބަޔަކު އޭނާ ސިފަކުރަނީ ހޮލީވުޑްގެ މަޝްހޫރު ތަރި މީލިން މޮންރޯއާ އެއްފަދަ ބަތަލާއެއްގެ ގޮތުގައެވެ. އޭނާގެ ކިބައިގައި ހުރީ އެއްވެސް މޭކަޕަކާ ނުލައިވެސް ފެންނަ ފަދަ ގުދުރަތީ ރީތިކަމެކެވެ.

މަދޫބާލާ ވަނީ އޭނާގެ ކުރު ކެރިއަރުގައި ކާމިޔާބު އެތައް ފިލްމުތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި:

މުގަލޭ އަޒަމް – މިއީ އޭނާގެ ކެރިއަރުގެ އެންމެ އުސްއައްޔެވެ. "އަނާރްކަލީ" ގެ ރޯލުން އޭނާ ދެއްކި ހުނަރަކީ މިއަދާ ހަމައަށްވެސް ހިންދީ ސިނަމާގައި ނަމޫނާއެކެވެ.
މަހަލް – މި ފިލްމަކީ އޭނާ ތަރިއެއްގެ ގޮތުގައި މަޝްހޫރު ވެގެންދިޔަ ފިލްމެވެ.
ޗަލްތީ ކާ ނާމް ގާޅީ -ކޮމެޑީ ރޯލުތަކުގައިވެސް އޭނާގެ ހުނަރު މި ފިލްމުން ފެނިގެން ދިޔައެވެ.
މިސްޓަރ އެންޑް މިސިސް 55 – މިއީވެސް އޭނާގެ ފާހަގަކޮށްލެވޭ ރީތި ފިލްމެކެވެ.

މަދޫބާލާގެ އަމިއްލަ ދިރިއުޅުމަކީ އުފާވެރި ކަމަށްވުރެ ބޮޑަށް ހިތާމައާއި ތަދުން ފުރިގެންވި ދިރިއުޅުމެކެވެ. އޭނާ އާއި މަޝްހޫރު އެކްޓަރު ދިލީޕް ކުމާރު އާ ދެމެދު އޮތް ލޯބީގެ ގުޅުމަކީ މުޅި އިންޑިއާ ދަންނަ ވާހަކައެކެވެ. ނަމަވެސް އާއިލީ މައްސަލަތަކާ ހެދި އެ ގުޅުން ކައިވެންޏަކާ ހަމައަށް ނުގޮސް ނިމުނެވެ.

ފަހުން އޭނާ ކައިވެނިކުރީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ކިޝޯރު ކުމާރު އާއެވެ. ނަމަވެސް ބަލިހާލަތުގެ ސަބަބުން އެ ދިރިއުޅުމުގައިވެސް އޭނާއަށް މާބޮޑު އުފަލެއް ނުލިބުނެވެ.

މަދޫބާލާގެ ހިތުގައި އުފަންވީއްސުރެ ލޯވަޅެއް ހުއްޓެވެ . އެ ޒަމާނުގައި މިއީ ފަރުވާ ކުރަން ވަރަށް އުނދަގޫ ބައްޔެކެވެ. ފިލްމީ މަސައްކަތުގެ ތެރޭގައި އޭނާގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. "މުގަލޭ އަޒަމް" ކުޅުނުއިރުވެސް އޭނާ އުޅުނީ ވަރަށް ބޮޑުވޭނެއްގައެވެ.

އުމުރުން އެންމެ 36 އަހަރުގައި 23 ފެބްރުއަރީ 1969 ގައި މި ލާމަސީލު ބަތަލާ ދުނިޔެ ދޫކުރިއެވެ. މަދޫބާލާ ދުނިޔެއާ ވަކިވެދިޔަ ނަމަވެސް، އޭނާގެ ކަޅުކުލައިގެ ފޮޓޯތަކާއި، އަސަރުގަދަ ފިލްމުތަކުން އޭނާގެ ހަނދާންތައް އަބަދުމެ ދިިިިރިހުންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *