މ. ވޭވަށު ކައުންސިލްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބިއްޖެ އެވެ.
އޭޕްރީލް މަހު އޮތްް އިންތިހާބުގެ މައްސަލަ ހައިކޯޓަށް ހުށައެޅީވެސް ގޮނޑި ލިބުނު ނަޒީހެވެ. އޭނާ މައްސަލަ ހުށައެޅީ ވޯޓްތަކެއް ބާތިލު ކަމަށް ކަނޑައަޅައިދިނުމަށެވެ.
އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމަށް ވަނީ 121 ވޯޓް ލިބިފަ އެވެ. ނަޒީހަށް ލިބުނީ 119 ވޯޓެވެ. ދެ ވޯޓްގެ ފަރަގެއް އޮތެވެ.
މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ ނިންމުން އައީ ތިން ވޯޓެއް ބާތިލު ކަމަށެވެ. އެއް ފަނޑިޔާރަކު ވަނީ ނަތީޖާއަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. ކޯޓްގެ ހުކުމާއެކު ނަޒީހަށް 119 ވޯޓް ލިބެ އެވެ. ނައީމަށް 118 ވޯޓެވެ.
އެހެން ކަމުން އެ ގޮނޑި ނަޒީހަށް ވަނީ ލިބިފަ އެވެ. އަދި އެ ރަށު ކައުންސިލްގެ މެޖޯރިޓީ ވަނީ ޕީއެންސީއަށް ލިބިފަ އެވެ.





