ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްފި

ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްފި

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ މަޖިލިސް މެމްބަރުން ބޭނުންކުރާ ވަޓްސްއެޕް ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ބޭރު ކޮށްފިއެވެ.

މިއަދު ހެނދުނު ގްރޫޕުން ބޭރުކޮށްލި ސަބަބު ޔަގީން ކުރެވިފައި ނުވެއެވެ. ނާޒިމަށްވެސް ފޯނުން ނުގުޅޭތީ ނާޒިމްގެ ބަހެއްވެސް ލިބޭގޮތް ވަނީ ނުވެފައެވެ.

ގްރޫޕުން ބޭރުކޮށްލިއިރު، ނާޒިމް ވަނީ މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު މަޖިލީހުގެ އެންމެ ނުފޫޒުގަދަ ދެ ކޮމިޓީ ކަމަށްވާ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ އަދި ގައުމީ ސަލާމަތާ ގުޅޭ ކޮމިޓީ އިންވެސް ވަކިކޮށްފައެވެ.

ނާޒިމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ދިގު ތަޖުރިބާ ހުރި ބޭފުޅެކެވެ. 2009 އިން 2015 ވަނަ އަހަރަށްވެސް ނާޒިމް ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމް ފުރުއްވާފަ އެވެ. ކުރީގެ ރައީސް ޔާމީންއާ ގާތް ގުޅުމެއް ބޭއްވި ނާޒިމް، ޔާމީންގެ ފުރަތަމަ ޕާޓީ، ޕީޕަލްސް އެލަޔަންސްގެ އިސް ރޯލުތަކެއްވެސް ވަނީ އަދާ ކުރައްވާފަ އެވެ.

ނަމަވެސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ނާޒިމްގެ މައްޗަށް މަކަރާ ހީލަތުގެ ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. ބޭސްފަރުވާ ކުރުމުގެ ހުއްދައިގެ ދަށުން ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު، ނާޒިމް ހޯއްދެވީ އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތެވެ. ފަހުން، 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރުމުން ނާޒިމް ރާއްޖެ ވަޑައިގެންނެވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *