ބާސެލޯނާއިން ލަލީގާގެ ޗެމްޕިއަންކަން ކާމިޔާބުކުރުމުގެ އުފާފާޅުކުރުމުގެ ތެރޭގައި، އުމުރުން 18 އަހަރުގެ ޒުވާން ތަރި ލަމީން ޔަމާލް ފަލަސްތީނުގެ ދިދަ ހޫރުވައި، ފަލަސްތީނާ އެކު ސާބިތުވެ ހުރިކަން ދެއްކުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުރީފު އޮހެން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި 11 މެއި 2026 ގައި އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ޔަމާލް ވަނީ ބާސެލޯނާގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ބަސް ބުރުގެ ތެރޭގައި ފަލަސްތީނުގެ ދިދަ ބަހުގައި ހޫރުވާފައެވެ. މި މަންޒަރު ފެނުމުން މަގުމައްޗަށް އެއްވެ ތިބި އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ފޯރިގަދަ މަރުހަބާއެއް ކިޔާފައެވެ.
ބާސެލޯނާއިން ލަލީގާގެ 29 ވަނަ ތަށި ކާމިޔާބުކުރީ އެންމެ ބޮޑު ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ. މިއީ އެލް ކްލަސިކޯ މެޗެއްގެ ނަތީޖާއިން ލީގު ޗެމްޕިއަންކަން ކަށަވަރުވި ދެވަނަ ފަހަރެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ބާސެލޯނާ ސިޓީ ވެފައިވަނީ ސްޕެއިންގައި ފަލަސްތީނަށް ތާއީދުކޮށް ހިންގާ ހަރަކާތްތަކުގެ މައި މަރުކަޒަކަށެވެ. ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް ފޮނުވާ ފްލޮޓިލާތައް ފުރުމުގެ މައި ބަނދަރަކަށް ވެސް އެ ސިޓީ ވަނީ ވެފައެވެ.
މިފަދަ ނުފޫޒުގަދަ ޕްލެޓްފޯމެއްގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ފަލަސްތީނާ އެކު ސާބިތުވެ ހުރިކަން ދެއްކުމަކީ، އަނިޔާ ލިބެމުންދާ ފަލަސްތީނު ރައްޔިތުންނަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.





