ރެއާލް ބަލިކޮށް ބާސެލޯނާއިން ލަލީގާ ދިފާއުކޮށްފި

ރެއާލް ބަލިކޮށް ބާސެލޯނާއިން ލަލީގާ ދިފާއުކޮށްފި

ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް، ވިދިވިދިގެން ދެވަނަ ފަހަރަށް ލަ ލީގާގެ ޗެމްޕިއަންކަން ބާސެލޯނާ ހޯދައިފިއެވެ. ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ "އެލް ކްލަސިކޯ" ގައި ބާސާ ވަނީ ރެއާލްގެ މައްޗަށް 2-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދާ، ތާވަލުގެ ކުރީގައި 14 ޕޮއިންޓުގެ ލީޑެއް ނަގާ، ލީގު ނިމެން ތިން މެޗު ބާކީ އޮއްވައި ތަށި ކަށަވަރުކޮށްފައެވެ.

މިއީ، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ތަށި އުފުލާލި 29 ވަނަ ފަހަރު އެވެ. ބާސެލޯނާ އިން ޗެމްޕިއަންކަން މި ހޯދީ ބާކީ ތިން މެޗު އޮއްވަ އެވެ. އަދި، ރޭގެ ނަތީޖާއާ އެކު، ޖެހިޖެހިގެން ދެ ވަނަ ސީޒަނެއްގައި ރެއާލުން ނިންމާލަން ޖެހުނީ ތަށްޓެއް ނުލިބި އެވެ.

ބާސެލޯނާ އަށް 35 މެޗުން 91 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 35 މެޗުން ލިބިފައިވަނީ، 77 ޕޮއިންޓެވެ.

ސީޒަންގެ އެންމެ ވިދުންގަދަ ތަރިއަކީ 18 އަހަރުގެ ލަމީން ޔަމާލެވެ. އޭނާ ވަނީ ލަ ލީގާގެ 28 މެޗުން 27 ގޯލުގައި ބައިވެރިވެފަ އެވެ.  އެއީ އޭނާ ޖެހި 16 ގޯލާއި އިތުރު 11 ޖެހުމަށް އެހީ ވެފަ އެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ހިތްގައިމު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑެވެ. ރިއަލް މެޑްރިޑްގެ ކީޕަރު ތިބައޫ ކޯޓުއާގެ އަތުގައި ޖެހިފައި މި ބޯޅަ ގޯލަށް ވަނީ މަތީ ކަނަށެވެ. އޭގެ ހަތް މިނެޓު ފަހުން، ޑެނީ އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތަކުން ފެރާން ޓޮރޭޒް ވަނީ ބާސެލޯނާގެ ދެވަނަ ލަނޑު ޖަހައިދީ، ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަޝްފޯޑަށް އިތުރު ފުރުސަތެއް ލިބުނު ނަމަވެސް ކޯޓުއާ ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ. އަދި ދެވަނަ ހާފުގައި ވިނީޝިއަސް ޖޫނިއާ އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ބާސެލޯނާގެ ކީޕަރު ޖޯން ގާސިއާ ހުށިޔާރުކަމާއެކު ހުއްޓުވިއެވެ. އަދި އެހެންމެ ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ އަށް އޭރިއާތެރެއިން ލިބުނު ފުރުަސަތަކުން ޖެހި ޝޮޓް އަމާޒުވީ ކީޕަރު ކޯޓުއާ އަތަށެވެ.

ރޭގެ މެޗުގެ ކުރިން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ ބައްޕަ މަރުވިއިރު، މެޗު ފެށުމުގެ ކުރިން ވަނީ ސުކޫތެއް ގެނެސްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *