އިންޑިއާގެ މަޝްހޫރު ތަމަޅަ ފިލްމީ ތަރި ސީ. ޖޯސެފް ވިޖޭ، މިއަދު ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާ ކޮށްފިއެވެ. ފިލްމީ ދުނިޔެ ދޫކޮށް ސިޔާސީ މައިދާނަށް ނިކުތް ވިޖޭ، ވެރިކަމަށް އައީ ކޯލިޝަން ސަރުކާރެއް އެކުލަވާލައިގެންނެވެ.
ވިޖޭގެ ޓީ.ވީ.ކޭ ޕާޓީއަށް މިދިޔަ އިންތިހާބުގައި 108 ގޮނޑި ލިބުނުނަމަވެސް، ސަރުކާރު އެކުލަވާލަން ބޭނުންވާ އަޣުލަބިއްޔަތު ހޯދީ ކޮންގްރެސް ޕާޓީ ހިމެނޭ ގޮތަށް އެހެން ޕާޓީތަކާ ގުޅިގެންނެވެ. މި ކޯލިޝަންގެ ސަދަބީން ޖުމްލަ 120 ގޮނޑި ހަމަކޮށް، ވެރިކަމުގެ މަގު ފަހިވީއެވެ.
ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި އިދިކޮޅު މައި ޕާޓީ، ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވީ ޓެމިލް ނާޑޫގެ ވެރިރަށް ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައެވެ. ރަސްމިއްޔާތަށް އެއްވި އެތައް ހާސް ސަޕޯޓަރުން ތަމަޅަ ބަހުން "މުދަލްވަރު" ނުވަތަ "ޗީފް މިނިސްޓަރު" ގެ ނަމުން ވިޖޭއަށް ސަލާން ގޮވަމުން ދިޔައެވެ.
އުމުރުން 51 އަހަރުގެ ވިޖޭ ވިދާޅުވީ، ތައުލީމާއި ސިއްހަތު، ބޯފެނާއި ދަތުރުފަތުރުގެ ވަސީލަތްތައް ރަނގަޅުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. ކަރަންޓުގެ އަގު ހެޔޮކޮށް، އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުންވެސް ފުރަތަމަ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ. ސިޔާސީ ނުފޫޒު ހުރި އާއިލާއަކުން ނައި، އާންމު ރައްޔިތެއްގެ ގޮތުގައި ހުރިހާ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ދެވިހުރި ކަމަށްވެސް ވިދާޅުވިއެވެ.
ވިޖޭ ފިލްމީ ދާއިރާއަށް ވަނީ 1984 ވަނަ އަހަރު ކުޑަ ކުއްޖެއްގެ ހައިސިއްޔަތުންނެވެ. ކްރިސްޓިއަން ބައްޕައަކާއި ހިންދޫ މަންމައަކަށް އުފަންވި ވިޖޭ ސިލިވަރ ސްކްރީންގައި ހޭދަކުރި ދިގު ދުވަސްތަކަށްފަހު، ސިޔާސީ ދާއިރާ ޚިޔާރުކޮށް 2024 ވަނަ އަހަރު ޓީ.ވީ.ކޭ ޕާޓީ ހިއްދެވީ ކޮރަޕްޝަން ނައްތާލައި އިޖުތިމާއީ އިންސާފު ގާއިމުކުރުމުގެ ވައުދާ ގުޅިލާ މެހިގެންނެވެ. ސަޕޯޓަރުން ލޯތްބާއެކު ގޮވާ "ތަލަޕަތީ" ނުވަތަ "ލީޑަރު" ގެ ލަގަބު ވިޖޭ ހޯދީ ފިލްމީ ދުނިޔޭގައި ހޯދި ބޮޑު މަގުބޫލުކަމުގެ ތެރެއިންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިޖޭއަށް މަރުހަބާ ވިދާޅުވެ، ޓެމިލް ނާޑޫގެ ރައްޔިތުންގެ ދިރިއުޅުން ތަރައްގީ ކުރުުމަށް މަރުކަޒީ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.





