އެމްބާޕޭ ބޭރުކުރަން ގޮވާލާ ޕެޓިޝަނުގައި 44 މިލިއަން މީހުން ސޮއިކޮށްފި

އެމްބާޕޭ ބޭރުކުރަން ގޮވާލާ ޕެޓިޝަނުގައި 44 މިލިއަން މީހުން ސޮއިކޮށްފި

ރެއާލް މެޑްރިޑުގެ ފްރާންސް ތަރި ކީލިއަން އެމްބާޕޭ އެ ކްލަބުން ބޭރުކުރަން ގޮވާލާ "އެމްބާޕޭ އައުޓް" ނަމުގައި ފެށި އޮންލައިން ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު 44 މިލިއަނަށް އަރައިފިއެވެ.

ކުރިން 200,000 ސޮއި ހޯދުމުގެ އަމާޒުގައި ފެށި މި ޕެޓިޝަނަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މި ޕެޓިޝަން ހަދާފައިވާ ވެބްސައިޓުގައި އެމްބާޕޭގެ ފޮޓޯއަކާއެކު "ފުއޭރާ" ނުވަތަ ބޭރުކުރޭ ލިޔެފައިވާ ނިއޯން ރަތް ބޯޑެއް ބޭނުންކޮށްފައިވެއެވެ.

ސަޕޯޓަރުންގެ ނުރުހުން އުފެދުނީ، ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް ކްލަބުން ދިން ހުސްވަގުތުގައި، އެމްބާޕޭ އިޓަލީގެ ސާޑީނިއާގައި ބަތަލާ އެސްޓާ އެކްސްޕޮސިޓޯއާއެކު ޔޮޓެއްގައި ޗުއްޓީ ހޭދަކުރާ ފޮޓޯތައް އާންމުވުމުންނެވެ. އެލް ކްލަސިކޯ މެޗު ކައިރިވެފައި ވަނިކޮށް މިކަން ހިނގުމުން ކްލަބަށް އޮތް އިހުލާސްތެރިކަމާ މެދު ސަޕޯޓަރުން ސުވާލު އުފައްދައެވެ.

ކޯޗު އަލްވާރޯ އަރްބެލޯއާ ބުނީ ކުޅުންތެރިންގެ ހުސްވަގުތުގައި ބޭނުން ކަމެއް ކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ. އެމްބާޕޭ މިހާރު ވަނީ ޕްރެކްޓިހަށް ނުކުމެފައެވެ.

ނަމަވެސް މި ޕެޓިޝަނުގައި ސޮއިކުރާއިރު އެއްވެސް ވެރިފިކޭޝަނެއް ނެތުމުން އެކަކަށް އެތައް ފަހަރަކު ސޮއިކުރެވެއެވެ. އެމްބާޕޭގެ ކޮންޓްރެކްޓް 2029 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އޮތުމުން، މިއީ ހަމައެކަނި ސަޕޯޓަރުންގެ ޝުއޫރު ފާޅުކުރުމުގެ ރަމްޒީ ޕެޓިޝަނެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *