ވޯލްޑް ކަޕް ޓިކެޓް ތަކުގެ އަގު އަތްނުފޯރާ ފަށަށް، މެކްސިކޯގެ ސަޕޯޓަރުންގެ ބޮޑު ޝަކުވާއެއް

ވޯލްޑް ކަޕް ޓިކެޓް ތަކުގެ އަގު އަތްނުފޯރާ ފަށަށް، މެކްސިކޯގެ ސަޕޯޓަރުންގެ ބޮޑު ޝަކުވާއެއް

މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަކީ ތިން ފަހަރު މި މުބާރާތް ބާއްވާ ފުރަތަމަ ގައުމުގެ ޝަރަފު މެކްސިކޯއަށް ލިބޭ ތާރީހީ މުބާރާތަކަށް ވީނަމަވެސް، އެ ގައުމުގެ އާންމު ސަޕޯޓަރުންގެ މެދުގައި އެކަމުގެ އުފާވެރިކަމެއް ނެތެވެ. މީގެ މައިގަނޑު ސަބަބަކީ މެކްސިކޯގައި ކުޅޭ މެޗުތަކުގެ ޓިކެޓްތަކުގެ އަގު އާންމު ރައްޔިތުންނަށް ގަނެވޭ ވަރަށްވުރެ މާ ބޮޑުވުމެވެ.

މެކްސިކޯގައި 1970 އަދި 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްތަކުގައިވެސް ބައިވެރިވި އުމުރުން 70 އަހަރުގެ ފްރާންސިސްކޯ ހަވިއޭ ފެރެއިރާ ބުނި ގޮތުގައި، މިއަހަރުގެ މުބާރާތަކީ މެކްސިކޯގެ އިގްތިސާދީ ހާލަތަށް ބަލާއިރު ހަމައެކަނި މުއްސަނދިންނަށް އަމާޒުކޮށްފައިވާ މުބާރާތެކެވެ. ޖޫން 11 ގައި އޮންނަ ފުރަތަމަ މެޗުގެ ޓިކެޓްގެ އަގު 3،000 އާއި 10،000 ޑޮލަރާ ދެމެދުގައި އުޅޭއިރު، މަހަކު އެވްރެޖްކޮށް 1،000 ޑޮލަރު ލިބޭ އާންމު ރައްޔިތުންނަށް މިއީ އަތްފޯރާ ވަރެއް ނޫނެވެ.

މުޅި މުބާރާތުގެ 104 މެޗުގެ ތެރެއިން މެކްސިކޯގައި ކުޅެނީ އެންމެ 13 މެޗެވެ. އެއީ މޮންޓެރޭގައި 4 މެޗު، ގުއަޑަލަހާރާގައި 4 މެޗު އަދި މެކްސިކޯ ސިޓީގެ އަލުން މަރާމާތުކުރި ބަނޯޓޭ ސްޓޭޑިއަމްގައި 5 މެޗެވެ. މެކްސިކޯއާއި ދެކުނު އެފްރިކާ ބައްދަލުކުރާ ފުރަތަމަ މެޗުވެސް އޮންނާނީ މި ސްޓޭޑިއަމްގައެވެ. ސަޕޯޓަރުންގެ ކަންބޮޑުވުމަކީ މިއީ މެކްސިކޯގެ މުބާރާތެއްގެ ބަދަލުގައި އެމެރިކާގެ މުބާރާތެއްގެ ގޮތުގައި އިހުސާސްވުމެވެ.

ފީފާއިން ބުނާ ގޮތުގައި 60 ޑޮލަރަށް ލިބޭ ޓިކެޓްތަކެއްވެސް ކަނޑައަޅާފައިވެއެވެ. ނަމަވެސް އެ އަގުގައި ވިއްކީ ކިތައް ޓިކެޓްކަމެއް ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް، ފީފާގެ 'ރީސޭލް' މާކެޓުގައި ފައިނަލް މެޗުގެ ބައެއް ޓިކެޓްތަކުގެ އަގު މިހާރު ވަނީ 3 މިލިއަން ޑޮލަރަށް އަރާފައެވެ.

ޓިކެޓްގެ އަގުގެ އިތުރުން ސަލާމަތީ ކަންކަމާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. ދާދި ފަހުން މެކްސިކޯގެ ބައެއް ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކާއި، ބަނޯޓޭ ސްޓޭޑިއަމް ހުޅުވުމުގެ މެޗުގައި ސަޕޯޓަރަކު މަރުވުން ފަދަ ހާދިސާތަކުގެ ސަބަބުން ފަތުރުވެރިންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން އެބައޮތެވެ.

މީގެ އިތުރުން މެކްސިކޯ ސިޓީގެ ކުލިތައް އިންތިހާއަށް ބޮޑުވެ، ފެނުގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން ޒުވާނުން ދަނީ މުބާރާތާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި މި މުބާރާތަކީ މިހާރު ހަމައެކަނި "ނުފޫޒުގަދަ މުއްސަނދިންގެ" މުބާރާތެކެވެ. މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝީންބައުމް ސަލާމަތީ ކަންކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަން އަދިވެސް ވަނީ ވަރަށް ބޮޑެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *