ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް 20 އަހަރަށްފަހު އާސެނަލް އިން ހޯދައިފި އެވެ.
ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް އާސެނަލް އިން ހޯދާފައިވަނީ ރޭ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާ ތަނުގައި، ރޭގެ ނަތީޖާއާ އެކު އާސެނަލް އަށް ކުރި ލިބިފައިވަނީ 2-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.
އާސެނަލް އިން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައިވަނީ 2006 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި އާސެނަލް ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ބާސެލޯނާ އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަންސާސް އަށް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ، ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އާސެނަލްގެ ބުކަޔޯ ސަކާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެތްލެޓިކޯ މެޑްރިޑްގެ ޖިއުލިއާނޯ ސިމިއޯނީ އަށް ލިބުނު ހުސް ފުރުސަތު ގޯލަށް ބަދަލު ކުރުމުގެ ކުރިން، ޑެކްލަން ރައިސް ވަނީ ޓެކްލްކޮށް އެ ފުރުސަތު ގެއްލުވާލާފަ އެވެ. ދެވަނަ ހާފުގައި ލީޑު ފުޅާ ކުރަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ވިކްޓަރ ޔޯކޭރޭސް އަށް ވަނީ އެ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭ ގޮތް ނުވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އާސެނަލްއާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅިގެންދާނީ، ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މިރޭ ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ ކުޅޭ މެޗަށްފަހު އެވެ.





