އީރާން އަސްކަރިއްޔާ އެއްކޮށް ސުންނާފަތިކޮށްލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.
އެމެރިކާގެ ވޮޝިންޓަން ޑީސީގައި ބޭއްވި ހަފްލާއެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ބުނެފައިވަނީ، އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެ ހަމަލާތަކާ ގުޅިގެން، އީރާން މިހާރު ބޮޑެތި މަނަވަރުތައް ނުގެންގުޅޭ ކަމަށްވެސް ވިދާޅުވި އެވެ.
އީރާނުން މީގެ ކުރިން ގެންގުޅުނު ވަރުގަދަ އުޅަނދުތައް މިހާރު ތިބީ ކަނޑު އަޑިއަށް ފައްތާފައި ކަމަށް ޓްރަމްޕް ވަނީ ހާމަކުރައްވާފަ އެވެ. "އެމީހުން ގެންގުޅުނު ހުރިހާ އުޅަނދެއް މިހާރު ތިބީ ކަނޑު ފައްތާފަ،" ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ބުނެފައިވަނީ، އީރާނަކީ ބަލި ބައެއް ކަމަށާއި، "މޮޔަ ބަޔަކަށް" ނިއުކްލިއާ ހަތިޔާރު ގެންގުޅޭކަށް ނުދޭނެ ކަމަށެވެ.
މި ހަނގުރާމައާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށާއި، އީރާން އަސްކަރިއްޔާ އެއްކޮށް ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާތައް ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އޭގެ ފަހުން ހަމަލާތައް ދިޔައީ ވަރުގަދަ ކުރަމުންނެވެ. ހަނގުރާމަ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލި ނަމަވެސް، ހަނގުރާމަ އެއްކޮށް ނިމުނު ކަމެއް މިހާތަނަށް އެއްވެސް ގައުމަކުން އިއުލާންކޮށްފައެއް ނުވެ އެވެ.





