ކޮލަމްބިއާއިން "ކޮކެއިން ހިޕޯ"ތައް މަރާލަން ނިންމުން- ހުރިހާ ހިޕޯއެއް އިންޑިއާއަށް ގެންދަން އަމްބާނީ އާއިލާގެ ހުށަހެޅުމެއް

ކޮލަމްބިއާއިން "ކޮކެއިން ހިޕޯ"ތައް މަރާލަން ނިންމުން- ހުރިހާ ހިޕޯއެއް އިންޑިއާއަށް ގެންދަން އަމްބާނީ އާއިލާގެ ހުށަހެޅުމެއް

މަޝްހޫރު ޑްރަގް ކިންގް ޕަބްލޯ އެސްކޯބާ މަރުވިތާ 33 އަހަރު ވެފައިވާއިރު، އޭނާގެ "ވާރުތަ މުދަލުގެ" ގޮތުގައި ބެލެވޭ ހިޕޯތަކުގެ މައްސަލަ މިވަނީ އަނެއްކާވެސް ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.

ކޮލަމްބިއާގެ ސަރުކާރުން މި ތަކެތި މަރާލަން ނިންމި ނިންމުމާއެކު، އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ދަރިފުޅު އަނަންތު އަމްބާނީ މިވަނީ މި ހިޕޯތައް ސަލާމަތް ކުރުމަށް ބޮޑު ހުށަހެޅުމެއް ހުށަހަޅާފައެވެ.

1980 ގެ އަހަރު ތަކުގައި އެސްކޯބާ ވަނީ އެމެރިކާގެ ޑަލަަަސް އިން ހަތަރު ހިޕޯ (ތިން އަންހެން އަދި އެއް ފިރިހެން) ސިއްރުން ކޮލަމްބިއާއަށް އެތެރެ ކޮށްފައެވެ. 1993 ގައި އޭނާ މަރުވުމުން އެހެން ޖަނަވާރުތައް އެހެން ތަންތަނަށް ބަދަލު ކުރެވުނު ނަމަވެސް، ހިޕޯތަކުގެ ބަރުދަނާއި ނުރައްކާތެރިކަމުގެ ސަބަބުން އެތަކެތި ދޫކޮށްލެވުނީއެވެ.

ކޮލަމްބިއާގެ މަގްދަލޭނާ ކޯރުގެ މާހައުލަކީ ހިޕޯތަކަށް އޭގެ އަސްލު ވަޒަން ކަމަށްވާ އެފްރިކާގެ މާހައުލާ ދާދި އެއްގޮތް ތަނެކެވެ. މި ސަރަހައްދުގައި މިތަކެތި ޝިކާރަކުރާނެ އެއްވެސް ޖަނަވާރެއް ނެތެވެ. މިހާރު މި ހިޕޯތަކުގެ އަދަދު ވަނީ 200 އާ ގާތްކޮށްފައެވެ. މިއީ ދުނިޔޭގައި އެފްރިކާ ނޫން ތަނެއްގައި އުޅޭ އެންމެ ބޮޑު ހިޕޯ އާބާދީއެވެ.

މި ތަކެތީގެ ސަބަބުން ކޯރުގެ ފެން ތަޣައްޔަރުވެ، މަސްތަކާއި ކޯރުގެ އެހެނިހެން ދިރުންތަކަށް ބޮޑެތި ނުރައްކާ ވަމުން ދެއެވެ. އަދި މި ސަރަހައްދުގެ މަސްވެރިންނަށްވެސް މި ތަކެތީގެ ހަމަލާތައް ދަނީ އަމާޒު ވަމުންނެވެ.

މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ކޮލަމްބިއާ ސަރުކާރުން ވަނީ 80 ހިޕޯ މަރާލުމަށް ނިންމާފައެވެ. ނަމަވެސް، އިންޑިއާގެ "ވަންތަރާ" ވައިލްޑްލައިފް ސެންޗުއަރީގެ ބާނީ އަނަންތު އަމްބާނީ ވަނީ މި ހުރިހާ ހިޕޯތައް އިންޑިއާއަށް ގެންގޮސް، އެތަކެތި ބެލެހެއްޓުމުގެ ހުރިހާ ޚަރަދެއް އޭނާ އުފުލާނެ ކަމަށް ބުނެފައެވެ.

މި ހުށަހެޅުމާ ގުޅިގެން ކޮލަމްބިއާ ސަރުކާރުން މިހާރު ވަނީ އިންޑިއާގެ ސަރުކާރުގެ ހުއްދައަކަށް އެދިފައެވެ. މިކަމަށް އިންޑިއާ ސަރުކާރުން ވަކި ޖަވާބެއް އަދި ދީފައެއް ނުވެއެވެ.

އެސްކޯބާގެ ބާރު ދެއްކުމަށް ގެނައި މި ޖަނަވާރުތައް، އޭނާ މަރުވިތާ އެތައް އަހަރެއް ފަހުންވެސް މިވަނީ ދުނިޔޭގެ ބޮޑު ބަހުސަކަށް ވެފައެވެ. މިހާރު އެންމެންވެސް އިންތިޒާރު ކުރަނީ މި ހިޕޯތަކުގެ މަންޒިލަކީ މަރާލުންތޯ ނުވަތަ އިންޑިއާގެ ހިމާޔަތްތޯ ބަލާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *