ރާއްޖޭގައި ބިނާ ކުރަމުން މިދަނީ ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭ ވަރުގެ އިގުތިސާދެއް ކަމަށާއި ރާއްޖެ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ބަދަލު ކުރުމަށް ކުރާ މި މަސައްކަތަކީ ހުވަފެނެއް ނޫން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގައި ފެށި ބިޒަނަސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތަރައްގީގެ މަރުހަލާގައި ރާއްޖެ މިހާރު އަދާކުރަމުން އަންނަނީ މުހިންމު ދައުރެއް ކަމަށެވެ. ރާއްޖެ އަމާޒު ހިފާފައި ވަނީ 2040 ވަނަ އަހަރު އަންނަންވާ އިރަށް ފުރިހަމައަށް ތަރައްގީވެފައި އޮތް ގައުމަކަށް ވާން ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއަށް ގެންނަން ބޭނުންވަނީ ދެމެހެއްޓެނިވި ތަރައްގީއެއް ކަމަށާއި މިއީ ހުވަފެނެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން އެކަށައަޅާ ކޮންމެ ސިޔާސަތެއްގެ ފަހަތުގައި އޮތީ މި ތަސައްވަރު ހަގީގަތަކަށް ހެދުމަށެވެ. މި ތަރައްގީ ވާން ޖެހޭނީ ރައްޔިތުންގެ ވަށައިގެން ބިނާކުރެވޭ ޓެކްނޮލިޖީގެ ގޮތުން ކުރިއަރާފައިވާ ތިމާވެށިގެން ގޮތުން ޒިންމާދާރު ފިޔަވަޅުތަކަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ވާނީ ގައުމީ އެޖެންޑާގެ ހިތުގެ އެންމެ ފުނުގައި ޕްރައިވެޓް ސެކްޓާ ހިމަނާފައި. އަޅުގަނޑުމެން މިދަނީ އިންވެސްޓުމެންޓަށް ފަހިވާނެ، ވިޔަފާރިތަކަށް ރަހުމަތްތެރި މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރަމުން. އަޅުގަނޑުމެން ވާނީ 40 އަހަރުވެފައިވާ އޮނިގަނޑުގެ ބަދަލުގައި ޒަމާނީ ބޭރުގެ އިންވެސްޓްމަންޓް ގާނޫނެއް ތައާރަފުކޮށް، ބޭރުގެ އިންވެސްޓަރުންނަށް ސާފު، ލަފާކުރެވޭނެ ގޮތާއި، ދެފުށް ފެންނަ ގޮތް ގެނެސްދިނުމަށްޓަކައި ބޭރުގެ އިންވެސްޓްމަންޓް އެންޓްރީ ރިކުއަޔަމަންޓްތައް އިޞްލާޙުކޮށްފައި،" ގިނަ އަދަދެއްގެ ލަންކާގެ ވިޔަފާރިވެރިންނާއި ދިވެހި ބައެއް ވިޔަފާރިވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިވެހި ވިޔަފާރިތައް ފައްކާކޮށް، ރާއްޖޭގެ ގައުމީ ތަރައްގީއަށް މުހިއްމު ދާއިރާތަކަށްް ބޭރުގެ ރައުސުލްމާލާއި ތަޖުރިބާއާއި ޓެކްނޮލޮޖީ އެތެރެކުރެވޭނެ މަގުތައް ފަހިކުރުމެވެ. ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް އިސްލާހު ގެނެސް، ދެމެހެއްޓެނިވި ޓައުންޝިޕުތަކަށް ފުރުސަތު ހުޅުވައިލުމަކީ ރާއްޖޭގެ އިގުތިސާދު އޭގެ އާ ހަރުފަތަށް އުފުލައިލުމަށް ދިވެހި ސަރުކާރުން ތައްޔާރުވެފައި އޮތް މިންވަރު ހާމަވާ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
"މިއީ ދުނިޔޭގެ މަޝްހޫރު އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތް އާ ޒަމާނަކަށް ގެންދިއުމަށް ފަރުމާކޮށްފައިވާ ފިޔަވަޅެއް. އެއީ މިހާރަށްވުރެ ބޮޑު، މިހާރަށްވުރެ ކެރޭ، އަދި މިހާރަށްވުރެ އުޖާލާ ޒަމާނެއް. ގާނޫނުތަކާއި ގަވައިދުތައް ލުއި ފަސޭހަކުރުމުން ފެށިގެން އަޅުގަނޑުމެންގެ މުއައްސަސާތައް ވަރުގަދަކުރުމާ ހަމައަށް، އަޅުގަނޑުމެން ބައްޓަންކުރަމުން މިގެންދަނީ ހުޅުވާލެވިފައިވާ، ހަރަކާތްތެރި، އަދި ބައިނަލްއަގްވާމީ ވާދަވެރިކަމުގައި ކުރިއަރާ އިގްތިސާދެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގޫގުލްއިން ރާއްޖޭގައި ކުރިއަށްގެންދާ "ދިޔަވަރު" މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި މިފަދަ ފުރަތަމަ މަޝްރޫއަށް ކަމަށްވާއިރު، މިކަމުން ވެސް ބައިނަލްއަގުވާމީ ކުންފުނިތަކުން ރާއްޖެއާ މެދު ކުރާ އިތުބާރު ސާފުކޮށް ހާމަކޮށްދޭ ކަމަށެވެ. މިއީ ރާއްޖޭގެ ކުރިއެރުން ރަމްޒުކޮށްދޭ، އަދި ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމާއި، ޓެކްނޮލޮޖީގެ މައްޗަަށް ބިނާވެފައިވާ ކުރިއެރުމަށް މަގުފަހިކުރާ އިގުތިސާދެއްކަން ސާބިތުކޮށްދޭ މަޝްރޫއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި އެދޭ ބަދަލަކީ އެތެރެއަށް އެކަނި ބަލައިގެން ގެންނަ ބަދަލެއް ނޫން. އަޅުގަނޑުމެން ބަލަނީ މިއަދު މިތަނުގައި އެއްވެ ތިއްބެވި އަޅުގަނޑުމެންގެ އަވަށްޓެރިންނާއި ބައިނަލްއަގްވާމީ ބައިވެރިންނާ ދިމާއަށް. ވިލުންތެރި، ގުޅިލާމެހިފައިވާ، އަދި ފާގަތި އިންޑިއާ ކަނޑުގެ ސަރަހައްދެއް ބިނާކުރުމުގައި އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަތުމަށް އެދެން،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ލަންކާގެ ވިޔަފާރިތަކުން މިހާރު ވެސް ފަތުރުވެރިކަމާއި އިމާރާތް ކުރުމާއި ހިދުމަތްތަކުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެމަނިކުފާނު ވަނީ ގުޅިގެން މަސައްކަތް ކުރުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ނަމޫނާތައް ކުރިއެރުވުމުގައި ބައިވެރިވެ ޑިޖިޓަލް، އީޖާދީ ފަންނުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ ދާއިރާތަކުން އެއްބާރުލުން ފުޅާ ކުރުމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އަދި ލަންކާގައި ދިވެހި ވިޔަފާރިތަކަށް ފުރުސަތު ފަހިވެފައި އޮތުމަކީ އެމަނިކުފާނު ކުރައްވާ އުންމީދެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.





