ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން އިންތިޒާމުކުރާ މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓުގެ ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސައި، އެކަމުގެ އެމްއޯޔޫގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެކްޓިން ހެޑް އޮފް ސީއެސްއާރު ޑިޕާޓްމަންޓް، ހަސަން ޝަހީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަކީބެވެ.
މި އެމްއޯޔޫގެ ދަށުން، އޭޝިއާ މީޑިއާ ސަމިޓަށްފަހު ކުޑަގިރީގައި ކުރިއަށްގެންދާ ހަރަކާތްތަކަށް އެޗްޑީސީން އެއްބާރުލުން ދޭނެއެވެ. އެގޮތުން މީޑިއާ ސަމިޓަށްފަހު، ކުޑަގިރި "ދޫނިޔާ ޑައިވް ރެކް" ސަރަހައްދުގައި މުރަކަ އިންދުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
މިއީ، ދޫނިޔާ ޑައިވް ރެކް ސަރަހައްދުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، މޫދުގެ ދިރުންތައް އާލާކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން،ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓު އޮންނާނީ މިމަހުގެ 11އިން 14އަށް ވިލާ ނޯޓިކާ ރިސޯޓުގައެވެ. އެގޮތުން، ކުޑަގިރި ޑައިވް ސައިޓުގައި މުރަކަ އިންދުން ކުރިއަށްދާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ތިމާވެށި ހިމާޔަތްކުރުމުގައި، ގްރޭޓާ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާ (އެންޖީއޯ) ތަކުން އެ މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެޗްޑީސީން ވަނީ ހުޅުވާލާފައެވެ. އެ ހަރަކާތުގައި ބައިވެރިވާ ޝައުގުވެރިވެލައްވާ ފަރާތްތަކުން، އަދި ހަރަކާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވެލައްވާނަމަ [email protected] އަށް އީމެއިލްކޮށްގެން ކުރިއަށްގެންދެވޭނެއެވެ.





