ގދ. ކާށިހުޅުދޫ އެއްބަސްވުން ދައުލަތުން ބާތިލް ކުރީ ގޯސްކޮށް ކަމަށް ހުކުމް ކޮށްފި

ގދ. ކާށިހުޅުދޫ އެއްބަސްވުން ދައުލަތުން ބާތިލް ކުރީ ގޯސްކޮށް ކަމަށް ހުކުމް ކޮށްފި

ގދ. ކާށިހުޅުދޫގައި ޕޯލްޓްރީ މަސައްކަތާއި ކޮމްޕޯސްޓް އުފެއްދުމުގެ މަސައްކަތާއި އެގްރިކަލްޗަރާއި އަދި ފިޝަރީޒްއާގުޅޭ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަނީ ފާމް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރީލަޗާ ދެމެދު ވެފައިވާ އެއްބަސްވުން ދައުލަތުން ބާތިލްކުރީ އެ އެއްބަސްވުމާ ހިލާފަށް ކަަމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ އެ އެއްބަސްވުން ދައުލަތުން ބާތިލްކުރީ ގޯސްކޮށް ކަމަށްބުނެ، އެ މައްސަލައާ ގުޅިގެން ސަނީ ފާމްއަށް 4.8 މިލިއަން ޑޮލަރު ދައްކަން ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށްއެދި ސަނީފމް އިން ދައުލަތުގެ މައްޗަށް ސިވިލްކޯޓުގައިކުރި ދައުވާގެ މައްސަލައެކެވެ.

އެ ޕްރޮޖެކްޓްތައް ހިންގުމަށް ސަނީފާމްއާ އެކު 28 އޮކްޓުބަރު 2013 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ކާށިހުޅުދޫ ކުއްޔަށްދިނީ 21 އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް 23 އޯގަސްޓް 2020 ގައި އެއްބަސްވުން ބާތިލުކޮށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ (ދައުލަރުން) ވަނީ އެރަށް އެ ކުންފުނީގެ ދަށުން ވަކި ކޮށްފައެވެ.

އެ މިނިސްޓްރީން އެއްބަސްވުން ބާތިލުކުރީ، ދެފަރާތުން ވެފައިވާ އެއްބަސްވުމާއި ކޮންޓްރެކްޓާބެހޭ ގާނޫނާއި ދިވެހި ރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމަށް 321،009 ޑޮލަރާއި އެ ކުންފުންނަށް ގެއްލިފައިވާ އޮޕޮޗިއުނިޓީ ކޮސްޓަށްޖެހޭ 4.5 މިލިޔަން ޑޮލަރާއެކު ޖުމްލަ 4.8 މިލިޔަން ޑޮލަރު އެކީ އެއްފަހަރާ އެ ކުންފުންނަށް ދެއްކުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ (ދައުލަތް) އަށް އަމުރުކޮށްދިނުމަށް އެދި ސަނީ ފާމްގެ ފަރާތުން މި މައްސަލައިގައި ސިވިލްކޯޓުގައި އެދުނެވެ.

މި ދައުވާއަށް އިންކާރުކޮށް މިނިސްޓްރީން ބުނީ އެއްބަސްވުން ވާތިލުކޮށް އެރަށް ވަކި ކުރީ، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ވޯކްޕްލޭނާ އެއްގޮތަށް ސަނީ ފާމުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ ކަމަށެވެ.

އަދި އެއް ބަސްވުމުގައިވާ ގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށް ދިން މުއްދަތުގައިވެސް އެކަންކަން ރަނގަޅު ކޮށްފައި ނުވާތީ، އެއްބަސްވުން ބާތިލުކުރީ އެ މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ދަށުން އެއްބަސްވުމުގައިވާ އިޖުރާއަތާއި ކަމާބެހޭ ގާނޫނާއި ޝަރުއީ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ގެއްލުމުގެ ބަދަލަށް ޒިންމާވާން ނުޖެހޭނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު، 2022 ވަނަ އަހަރުގެ އޮކްޓޫބަރުކަމުގެ 26 ވަނަ ދުވަހު ސިވިލްކޯޓުން ހުކުމް ކުރީ، މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު ސަނީފާމަށް ދިން ރަށް ދައުލަތުން ވަކިކުރީ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ އިޖުރާއަތުގެ ދަށުން ކަމަށެވެ. އަދި މި ދައުވާގައި އެ ކުންފުނިން، ކޮށްފައިވާ ކަމަށް ބުނާ ހަރަދުތަކަކީ ހިނގާފައިވާކަން ޔަގީންކޮށް، ނުވަތަ ހަރަދު ކުރިކަން އެނގޭ ހެކިތަކެއްގެ މައްޗަށްކަން އެނގެން ނެތް ހަރަދުތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

އެ ކުންފުންޏަށް ލިބޭނެ ކަމަށް ދައުވާގައި އަންދާޒާކޮށްފައިވާ މަންފާ، ހިސާބު ކުރުމަށް މުދަލުގެ އަގު ހިސާބު ކޮށްފައި ވަނީ ކޮން ގޮތަކުންކަން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ. ގެއްލުމުގެ ބަދަލު ނަގައި ދެވޭނީ އެ އަދަދުތަކަށް ވާސިލްވި އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި ދައުވާއިން ފާހަގަވާ ނުކުތާތަކަށް ރިއާޔަތްކުރާއިރު، އެރަށް ސަނީފާމްއަށް ކުއްޔަށް ދިނުމުގެ ގޮތުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އެ މިނިސްޓްރީން ބާތިލުކޮށްފައި ވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށްވާތީ އެދިފައިވާ ފައިސާ ނަގައިދޭނެ ތަނެއް ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.

ނަމަވެސް ސިވިލްކޯޓުގެ ހުކުމަކީ، ގާނޫނުތަކާހިލާފް ހުކުމެއްކަމަށް ބުނެ ސަނީ ފާމްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.

އެހެންކަމުން ސަނީ ފާމްގެ ފަރާތުން ހައިކޯޓުގައި އެދުނީ ސިވިލްކޯޓުން ކުރި ހުކުމް ބާތލްކޮށް، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ ހަވާލުކުރަންޖެހޭ ގދ. ކާށިހުޅުދޫ ހަވާލުނުކޮށ،ް މިނިސްޓްރީން އެ އެއްބަސްވުމުގެ އެންމެ އަސާސީމާއްދާއާ ހިލާފުވެ، އެގޮތުގެ މަތިން ދެމިހުރީތީ ސަނީ ފާމްއަށް ލިބިފައިވާ ގެއްލުން ކަމަށްވާ 321،009 ޑޮލަރު މިނިސްޓްރީގެ ކިބައިން ނަގައިދިނުމަށާއ،ި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ސަނީ ފާމްއާ ހަވާލު ކުރަންޖެހޭ ކާށިހުޅުދޫ އެ ފަރާތާ ހަވާލުނުކޮށ،ް އެއްބަސްވުމުގެ އެންމެ އަސާސީ މާއްދާއާ ހިލާފުވެ އެގޮތުގެ މަތީދެމިހުރީތީ ލިބޭނެކަމަށް ބެލެވިފައިވާ ގެއްލުމުގެ ބަދަލު ގޮތުގައި 4.5 މިލިޔަން ޑޮލަރު ނަގައި ދިނުމަށެވެ.

މި މައްސަލަ ހައި ކޯޓުން ބެލުމަށްފަހު މިއަދު ކުރި ހުކުމްގައިވަނީ، ސިވިލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށްފައެވެ. އަދި ދައުލަތާއި ސަނީފާމްއާ ދެމެދު ވެފައިވާ އެއްބަސްްވުން ދައުލަތުން ބާތިލް ކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި ދައުލަތުން އެއްބަސްވުމާ ހިލާފް ވުމުގެ ސަބަބުން ސަނީފާމްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު، އެ ކުންފުންޏަށް ލިބިގެންވާކަމށް ކަނޑައަޅާ ކަަމަށްވެސް ހުކުމް ކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *