އެމެރިކާއާ އިޒްލޭލް ގުޅިގެން އީރާންއަށް ހަމަލާތަކެއް ދިނުމާ ގުޅިގެން މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމަ ވަގުތީ ގޮތުން މެދުކެނޑުމަކަށް ފަހު އަލުން ފެށޭނެ ކަމަށް ބަލައި ޔަހޫދީ ދައުލަތުގެ ހުރިހާ ސަރަހައްދެއް އެންމެ މަތީ އެލާޓަށް ގެނެސްފައިވާ ކަމަށް އެގައުމުގެ އިސްވެރިންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ޕާކިސްތާން މެދުވެރިވެ އީރާނާ އެމެރިކާއާ ދެމެދު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް ޓްރަމްޕްގެ ހަރުކަށި އަމަލުތަކާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައި ނުވާތީ ކުރިއެރުމެއް ލިބޭގޮތް ނުވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމުން، އީރާނުން ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާއާއީ ޔަހޫދީ މަސްލަހަތު ހިމެނޭ ތަންތަނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.
ހަނގުރާމަ ފެށިއްޖެނަމަ އަމަލުކުރާނެ ގޮތަކާއި މެދު ގޮތެއް ނިންމުމަށް އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އޭނާގެ ކެބިނެޓާއިއެކު މަޝްވަރާ ކޮށްފައިކަމަށް ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ޔަހޫދީ އަސްކަރިއްޔާ އިން ނެރުނު ބަޔާނަކާއި ހަވާލާދީ މަސްދަރުތަކުން ބުނަނީ އިޒުރޭލުން ދަނީ ހަނގުރާމައަށް ތައްޔާރުވުމަށް ހަތިޔާރުތައް އެއްކުރަމުންނެވެ. "އަހަރެމެން މިތިބީ ހާލަތު މޮނިޓަރކޮށް، ގަލްފުގައި ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި ހައި އެލާޓްގައި،" ޔަހޫދީ ސިފައިން ނެރުނު ބަޔާނުގައިވެ އެވެ.
އެމެރިކާގެ އިންޒާރުކާއި އެކު އީރާނުން ވަނީ ޔޫއޭއީއަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. ޔޫއޭއީގެ ދިފާޢީ ވުޒާރާއިން ބުނީ އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުތަކުން އީރާނުން ދެމުންދާ މިސައިލް އަދި ޑްރޯން ޙަމަލާތަކެެއް ހުއްޓުވަމުންދާ ކަމަށެވެ.
މިއީ މިދިޔަ މަހުގެ ތެރޭގައި އެމެރިކާއާއި އީރާނުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވި ފަހުން ދީފައިވާ މި ފަދަ ފުރަތަމަ ޙަމަލާއެވެ.
ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި ފުޖައިރާ އޮއިލް އިންޑަސްޓްރީ ޒޯނުގައި އިއްޔެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެއެވެ. މިއީ އީރާނުން ދިން ހަމަލާ އެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރިއެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިވިލް ޑިފެންސް ޓީމުތައް ފޮނުވާފައިވާއިރު، ތިން މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނީ އެ ގައުމާއި ދިމާލަށް ހަތަރު ކްރޫޒް މިސައިލް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން ގިނަ މިސައިލްތައް ހުއްޓުވާފައިވެ އެވެ.





