ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް ރާ ވިއްކަން ނިންމާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދެކެވެމުންދިޔަ ވާހަކަތައް، އެ އެއާލައިނުން ދޮގުކޮށްފި އެވެ.
މޯލްޑިވިއަންއިން ނެރުނު އިއުލާނެއްގައި ބުނީ، ދައުރުވަމުން ދިޔަ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ސައްހަކަން ކަށަވަރު ނުވާ މައުލޫމާތު ހިއްސާ ނުކުރުމަށް ވެސް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިގެން ދިޔައީ، މި މަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަންއިން މާލެ-މެލްބަން ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދަނިކޮށެވެ.
ހަ ސަތޭކައަށްވުރެ ގިނަ ދަތުރު ތާވަލުކޮށްގެން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރަމުންދާ މޯލްޑިވިއަންއިން ދަތުުރު ކުރަނީ ޗައިނާ، ބަންގްލަދޭޝް، ތައިލެންޑް، ސްރީލަންކާ، މެލޭޝިއާ، ސައުދި އަރަބިއްޔާ، އަދި ކުރިއަށް ދަތުުރު ފަށަން ހަމަޖެހިފައިވާ އޮސްޓްރޭލިއާ ފަދަ ގައުމުތަކަށެވެ. މި އަހަރު ހައްޖަށް ދިއުމަށް ދިވެހިން ގެންދިއުުމަށް ވެސް ދެ ފްލައިޓް ތާވަލުކޮށްފައިވާ ކަމަށް މޯލްޑިވިއަންއިން ވަނީ ހާމަ ކޮށްފަ އެވެ.





