ދިވެހިރާއްޖެ އާއި ސްރީލަންކާ އަކީ އެއް އާއިލާއެއް ފަދަ ގާތް ގުޅުމެއް އޮތް ދެ ޤައުމު ކަމަށާއި، ދެ ޤައުމުގެ ގުޅުން ބިނާވެފައި ވަނީ ޙަޤީޤީ އިހްތިރާމްގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ރައީސް މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ބޭއްވެވި ރަސްމީ ޖާފަތުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދެ ޤައުމުގެ ގުޅުމަކީ ވަގުތީ މަންފާ އަކަށް ބިނާވެފައިވާ ގުޅުމެއް ނޫން ކަމަށެވެ. ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރިފައިވާ މި ދަނޑިވަޅުގައި، ދެ ޤައުމުގެ ދެމެދުގައި ވަނީ ވަރަށް ބަދަހި އުޚުވަތްތެރި ގުޅުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ދިވެހީންނަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ލަންކާ ފުރިހަމަ ތަނަވަސްކަމާ އެކު ދިވެހިންގެ ހިތްހެލިލާ ވިދާޅުވިގޮތަށް ލަންކާ ތެދުވެ، ޙިމާޔަތާ ރައްކާތެރިކަން ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖެ މިއަދު ހާސިލްކޮށްފައިވާ ކާމިޔާބީ ތަކުގައި ލަންކާގެ ހިއްސާ ބޮޑު ކަން ފާހަގަ ކުރައްވައި، ލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު ދަންނަވާފަ އެވެ.
ދެ ޤައުމުވެސް ހިއްސާ ކުރާ އިންޑިއާ ކަނޑަކީ ސަރަޙައްދުގެ ހުރިހާ ރައްޔިތުންނަށް ވެސް ހަމަޖެހުމާ އަމާންކަން ކަށަވަރު ކުރުމަށް ދެ ޤައުމުގެ ގުޅުން މިހިނދު މުހިންމު ދައުރެއް އަދާ ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ. ދެ ޤައުމުގެ ގުޅުން ކުރިއަށް ވުރެ ބޮޑަށް ވަރުގަދަ ކޮށް، ދެ ޤައުމަށް ލިބޭ ނަފާ އިތުރު ކުރުމަށް ގުޅިގެން މަސައްކަތް ކުުރުމުގެ މުހިންމުކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.





