އީސީގެ ރައީސް ޒާހިދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި

އީސީގެ ރައީސް ޒާހިދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޒާހިދު މަގާމުން އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް، އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ތަރުޖަމާން ހާމައެއް ނުކުރައްވައެވެ.

މިކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ، ކޮމިޝަންގެ ރައީސް މަގާމުން ވަކިވެވަޑައިގެންނެވިކަން އަންގަވާފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ނިންމެވުމުގެ ފަހަތުގައިވާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު ޒާހިދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ ކޮމިޝަންގެ މެންބަރަކަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާ އަށް ކޮމިޝަންގެ ރައީސްކަން ދެއްވީ ޖެހިގެން އައި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު މިހާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ޒާހިދުގެ ރައީސްކަމުގެ ދަށުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ހިމެނެއެވެ. މީގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމަށް މިދިޔަ މަހު ބޭއްވި ވޯޓަކީ އޭނާގެ ލީޑަޝިޕްގައި ކުރިއަށްދިޔަ އެންމެ މުހިންމު އެއް މަސައްކަތެވެ. އެ ވޯޓުގައި ސަރުކާރު ހިންގާ ޕީއެންސީން ބޭނުންވި ގޮތާ ހިލާފަށް، އެ ޕާޓީ ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ.

ޒާހިދު އިސްތިއުފާ ދެއްވި އިރު، އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ތައްޔާރީތައް އީސީން ދަނީ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *