އިރަކީ އޭނާގެ މިލްކެއް ކަމަށްބުނެ، އިރު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގަން އުޅޭ މީހެއް!

އިރަކީ އޭނާގެ މިލްކެއް ކަމަށްބުނެ، އިރު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގަން އުޅޭ މީހެއް!

ސްޕޭނުގެ ރަށެއް ކަމަށްވާ "ވިގޯ" އަށް ނިސްބަތްވާ މާރިއާ އަންހެލެސް ދުރާން ނަމަކަށް ކިޔާ އަންހެނަކު، 2010 ވަނަ އަހަރު، އިރުގެ މިލްކުވެރިކަން އޭނާގެ ނަމުގައި ރަޖިސްޓްރީ ކުރިއެވެ. އޭނާ ވަނީ އިރު ބޭނުންކުރާ އެންމެންގެ އަތުން ފީއެއް ނަގަންވެސް އޭރު ގޮވާލާފައެވެ. ނަމަވެސް، ޤާނޫނީ ގޮތުން އޭނާގެ މިލްކުވެރިކަމަކީ ބައިނަލްއަޤުވާމީ ދުނިޔެ ބަލައިގަންނަ ކަމެއް ނޫނެވެ.

މާރިއާ މިކަން ކުރީ ޤާނޫނުގައި ހުރި ލޫޕްހޯލްތައް ބޭނުން ހިފައިގެންނެވެ. އޭނާ ފާހަގަކުރި ގޮތުގައި، 1967 ވަނަ އަހަރު ހެދި "Outer Space Treaty" ގައި ބުނަނީ އެއްވެސް ޤައުމަކަށް ހަނދު ނުވަތަ އިރު ފަދަ ތަންތަން މިލްކު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ މުޢާހަދާގައި ވަކި ފަރުދުންނަށް އެފަދަ ތަންތަން މިލްކު ނުކުރެވޭނެ ކަމަށް ސީދާ ބުނެފައި ނެތް ކަމަށް އޭނާ ވަކާލާތު ކުރިއެވެ.

މިކަމާ ގުޅިގެން އޭނާ ވަނީ ސްޕޭނުގެ ނޯޓަރީއެއްގެ ކުރިމަތީގައި، އިރަކީ އޭނާގެ މިލްކެއް ކަމަށް ބުނެ ލިޔުމެއް ތައްޔާރުކޮށް ސޮއި ކޮށްފައެވެ. މާރިއާ އިރުގެ މިލްކުވެރިކަން ހޯދުމަށްފަހު، އެއިން ފައިދާ ހޯދަން ތަފާތު ރޭވުންތައް ރޭވިއެވެ. އޭގެތެރޭގައި އިރުގެ އަލި ބޭނުންކުރާ ހުރިހާ އެންމެންގެ އަތުން ފައިސާ ނެގަން ނިންމިއެވެ.

އޭނާ ބުނި ގޮތުގައި ލިބޭ ފައިސާގެ 50 ޕަސެންޓް ދޭނީ ސަރުކާރަށެވެ. 20 ޕަސެންޓް ޕެންޝަން ފަންޑަށް، 10 ޕަސެންޓް ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލަން، އަދި 10% އޭނާ އަމިއްލައަށް ބޭނުން ކުރުމަށެވެ. އޭނާ ވަނީ އިރުގެ "ބިން" ނުވަތަ ގޯތި ވިއްކުމަށް އީބޭގައި އިޢުލާނު ކޮށްފައެވެ. ނަމަވެސް، އަތުން ނުހިފޭ އެއްޗެއް ވިއްކަން އުޅުމުން އީބޭއިން އޭނާގެ އެކައުންޓް ބްލޮކް ކުރިއެވެ. މާރިއާ ވަނީ މިކަމާ ގުޅިގެން އީބޭއާ ދެކޮޅަށް ދަޢުވާވެސް ކޮށްފައެވެ.

ނޯޓަރީއެއްގެ ކުރިމަތީގައި ލިޔުމެއްގައި ސޮއި ކުރުމަކީ، އެއީ ބައިނަލްއަޤުވާމީ ގޮތުން އެ އެއްޗެއްގެ މިލްކުވެރިކަން ލިބޭނެ ކަމެއް ނޫނެވެ. ނޯޓަރީ ކުރަނީ ހަމައެކަނި އެ މީހަކު އެފަދަ ވާހަކައެއް ބުނިކަމުގެ ހެކިބަހެވެ. ވުމާއެކު، އޭނާގެ މި ދަޢުވާއަކީ އަމަލީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ކަމެއް ނޫނެވެ. އިރަކީ އެއްވެސް އިންސާނަކަށް ނުވަތަ ޤައުމަކަށް މިލްކު ކުރެވޭނެ އެއްޗެއް ނޫނެވެ.

މި އަންހެން މީހާގެ މި އާދަޔާޚިލާފު އަމަލަކީ ދުނިޔޭގެ ސަމާލުކަން ހޯދުމަށް ނުވަތަ ޤާނޫނުގައި ލޫޕް ހޯލްސް ތަކެއް ހުރިކަން ދެއްކުމަށް ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *