އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތް ކުރި މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މޭޔަރު އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގުމަކީ އެމަނިކުފާނު އެއްގޮތަކަށްވެސް ބަލައިގަންނަވާނެ ކަމެއް ނޫން ކަމަށް ބަޔާނުގައިވެއެވެ.
"މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫން،" ތަރުޖަމާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުއްވާފައެވެ.
މި ހަމަލާއަކީ ސަރުކާރުން އަޑީގައި އޮވެގެން ކުރި ކަމެއް ކަމަށް މޭޔަރު އާދަމް އާޒިމް ތުހުމަތު ކުރައްވާފައިވާތީ، އެކަމާ މެދު ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ތަރުޖަމާނު ވިދާޅުވީ، މިއީ ސަރުކާރުން ކުރި ކަމެއް ކަމަށް މޭޔަރު ވިދާޅުވުމަކީ ހައިރާންވާ ކަމެއް ކަމަށާއި، އެއީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކައެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ތަރުޖަމާނު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. އަދި ސަރުކާރުގެ ފަރާތުން މިފަދަ އެއްވެސް އަމަލެއް ނުހިންގާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށްވެސް ރައީސް އޮފީހުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.





