ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ، ޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމަކީ ހަމައެކަނި ތަޖުވީދުގެ ހަމަތަކުން ރީތިކޮށް ކިޔަވަން ދަސްވުމެއް ނޫން ކަމަށާއި، އިތުރަށް އީމާންތެރިކަން ވަރުގަދަވެ، ކެތްތެރިކަމާއި ރިވެތި އަޚްލާޤީ ސިފަތައް ނަފްސުގައި ހަރުލެއްވުމަށް މަގުފަހިވާ ކަމެއް ކަމުގައެވެ.
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށް ފާހަގަކުރައްވަމުން ފަސްޓްލޭޑީ ވިދާޅުވީ، ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ ކީރިތި ޤުރްއާނަށް އޮތް ފުން ލޯތްބާއި މަތިވެރި ޤަދަރުކަން ކަމަށެވެ. އަދި މިފަދަ މުބާރާތްތަކަށް ތައްޔާރުވުމުގެ ތެރެއިން ލިބޭ ތަޖުރިބާތަކާއި ހޭލުންތެރިކަމަކީ، ހަމައެކަނި ހުނަރު ދައްކާލުމުގެ ފުރުސަތެއް ނޫންކަން ވެސް އެކަމަނާ ވިދާޅުވިއެވެ. "މުބާރާތެއް ނިމިގެންދާއިރު، ތަމްރީނުވާން ފަރުދީ ގޮތުން ކުރާ މަސައްކަތުގެ ތެރެއިން ލިބިގެންދާ ހޭލުންތެރިކަމަކީ މުޅި އުމުރަށް ލިބިގެންދާ ފިލާވަޅުތަކެއް" ކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ.
ވެމްކޯ މުވައްޒަފުންގެ ޚިދުމަތަށް ތަޢުރީފު ކުރައްވަމުން ފަސްޓްލޭޑީ ވިދާޅުވީ، ރާއްޖޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ރެއާއި ދުވާލު ގިނަ ބަޔަކު ބޮޑެތި ތަކްލީފްތަކެއްވެ ޚިދުމަތްކުރަމުންދާ ކަމަށެވެ. ހަމަ އެހެންމެ، ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން މުވައްޒަފުންގެ ތެރޭގައި އިސްލާމީ އަޚްލާޤާއި ދީނީ ރޫޙު އާލާ ކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ނުހަނު ތަޢުރީފު ހައްޤު ކަމެއް ކަމަށް ވިދާޅުވިއެވެ.
ރަސްމިއްޔާތު ނިންމަވަމުން، ފަސްޓްލޭޑީ ވަނީ ވަނަ ހޯދި ފަރާތްތަކަށް ތަހުނިޔާ ދަންނަވައި، ވަނަ ނުލިބޭ ބައިވެރިންނަށް ހިތްވަރު ދެއްވައި، އަންނަ އަހަރު ކާމިޔާބީ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. ކާމިޔާބީ ހާސިލްކުރި މުވައްޒަފުންނަށް އިނާމާއި ޓްރޮފީ ހަވާލު ކުރައްވީ ވެސް ފަސްޓްލޭޑީ ސާޖިދާ މުޙައްމަދެވެ.





