ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ އުސޫލުތަކާ ހިލާފަށް، ކާޑުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށް ބީއެމްއެލް އިން ހާމަކޮށްފި އެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ބޭންކުން ކުރިންވެސް ރަސްމީކޮށް ހާމަކޮށްފައިވާ ފަދައިން، 1 ޖުލައި 2025 އިން ފެށިގެން 30 އިންސައްތައާ ހަމައަށް ފީ ނަގާނީ ހަމައެކަނި ވަކި ހާއްސަ ސައިޓްތަކެއް ކަމަށެވެ. އެ ސައިޓްތަކަކީ ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ، އަދި އީބޭ ފަދަ ސައިޓްތަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުއާމަލާތްތަކެވެ. މި ސައިޓްތައް ފިޔަވައި އެހެން ސައިޓްތަކުން ކުރާ މުއާމަލާތްތަކުން މި ފީ ނުނަގާނެ ކަމަށް ބޭންކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ސިއްހީ ހިދުމަތާއި، ތައުލީމާއި، ދަތުރުފަތުރުގެ ދާއިރާގެ ސަތޭކަ ގިނަ މާރޗަންޓުންނަށް ސިއްރިއްޔާތުގައި ފީ ނަގަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ބޭންކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ބޭންކުން ބުނި ގޮތުގައި، ކްރޮސްބޯޑަރ ފީ ނެގުމަކީ ދުނިޔޭގެ ހުރިހާ ބޭންކްތަކެއްހެން އަމަލުކުރަމުންދާ ބައިނަލްއަގުވާމީ ގަބޫލުކުރެވިފައިވާ ހަމައެކެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޝެޑިއުލް އޮފް ޗަރޖަސްގައި ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ދިވެހި ރުފިޔާ ޑެބިޓް ކާޑު ބޭނުންކުރާ ހާލަތުގައި ބޭންކަށް ވަކި ފީއެއް ނެގުމުގެ އިހުތިޔާރު ލިބިގެންވެ އެވެ.
ދިވެހިރާއްޖޭގެ ހުރިހާ ފަންތިއަކާ ގިންތިއެއްގެ ފަރުދުންނާ ވިޔަފާރިތައް ބަރޯސާވެފައިވާ ބޭންކަކާ ގުޅޭ ގޮތުން، ކިހިލިފަތްދަށަށް ލައިގެން ދޮގު ވާހަކަތައް ފެތުރުމަކީ ބޭންކުގެ އިތުބާރު ގެއްލުވާލައި ގައުމުގެ ހިންދެމިލެވިފައިވާ މާލީ ނިޒާމަށް ބިރެއްކަމަށް ބޭންކުން ދެކެ އެވެ. ބީއެމްއެލް އިން ވަނީ ރައްޔިތުންނަށް، ހަމައެކަނި ބޭންކުގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތަށް ބަރޯސާ ވުމަށް އިލްތިމާސްކޮށްފަ އެވެ.





