ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިން ލޯނު ދޫކުރާ އެންމެ މަތީ އުމުރުފުރާ 75 އަހަރަށް އިތުރު ކޮށްފިއެވެ.
ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ލޯނުދޭ އުމުރުފުރާ މަތިކުރީ، އެ ބޭންކުގެ ބޯޑުން ނިންމައިގެން ކަމަށެވެ.
މިހާތަނަށް ލޯނު ދޫކުރާ އެންމެ މަތީ އުމުރު ފުރަޔަކަށް އޮންނަނީ އުމުރުން 60 އަހަރުވާއިރު ލޯނު އަނބުރާ ދެއްކޭ ގޮތަށެވެ.
ޝަރީފް ވިދާޅުވީ މި ބަދަލާއެކު އުމުރުން 18 އަހަރާއި 75 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށްވެސް ލޯނަށް އެދި ބީއެމްއެލްއަށް ހުށައެޅޭނެއެވެ.
މި ބަދަލުގެ ސަބަބުން މެދުއުމުރުގެ ބޭފުޅުން ހިމެނޭހެން ވަރަށް ގިނަ ފަރާތްތަކަށް ގެދޮރު ގަތުމަށާއި އެހެނިހެން ކަންތައްތަކަށް އިތުރު ފަސޭހައެއް ވެގެންދާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެެވ.
"އެއީ 20 އަހަރަށް ނުވަތަ 25 އަހަރަށް ދަމާލައިގެން އެ ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ. އެހެންވީމަ 75 އަހަރަށް އުމުރަށް އިއްޔެ ބޯޑުން ވަނީ ނިންމާފަ،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، ރިސޯޓްތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ މުވައްޒަފުންނަކީ ސަރވިސް ޗާޖާއި މުސާރަ ޑޮލަރުން ލިބޭ ފަރާތްތައް ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން ބީއެމްއެލްއިން އެ ފަރާތްތަކަށް ކުޑަ އަގެއްގައި ލޯނު ނެގޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށެވެ. އެއީ އެ ފަރާތްތަކުން ލޯނު އަނބުރާ ޑޮލަރުން ދައްކާނަމަކަމަށް ސީއީއޯ ވިދާޅުވިއެވެ.
"ޑޮލަރުން އިންކަމް ލިބޭ ފަރާތްތައް ޑޮލަރުން ލޯނު ރީޕޭކުރާކަމަށްވަންޏާ އަޅުގަނޑުމެން މިހާރު އެ ފަރާތްތަކަށް ތަންކޮޅެއް ކުޑަ އަގުގައި ލޯނެއް ނެގޭނެ ގޮތެއްވެސް ހަމަޖައްސާފައި މިވަނީ. އެއީ ނޯމަލް އިންޓްރެސްޓް ރޭޓުން ބަލާއިރު %1.5 ކުޑަކޮށް އަދި އިކުއިޓީވެސް އިންވެސްޓްކުރަންޖެހޭ ވަރު %5 އަށް ކުޑަކޮށް. އެހެންވީމަ އެގޮތައް. މި އެޕްލައިކުރެވޭނެ ރާއްޖެއިން ބޭރުގައި ތިބެގެން އާމް މި އިންތިޒާމް ވާނީ ހަމަޖައްސާފައި." ސީއީއޯ ވިދާޅުވިއެވެ.
ބީއެމްއެލްއިން ވިދާޅުވީ، މި އަހަރުގެ މިހާތަނަށް އެ ބޭންކުން ލޯނުގެ ގޮތުގަިއ 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދުގެ %50 އަށްވުރެ ބޮޑު މިންވަރެއްކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ވިދާޅުވެއެވެ.





