ސަރުކާރުގެ މިނިސްޓްރީތަކަށް، ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މާސްޓާސް ޑިގްރީ ނެތް ބޭފުޅުން ކުރިއަށްއޮތްތަނުގައި އައްޔަން ނުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ކުރިއަށް މިދަނީ "ސަރުކާރު ކުޑަ ކުރުމުގެ މަސައްކަތް" ކަމަށެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ %33 މީހުން ވަކިކުރަން ޕިނޭންސް މިނިސްޓްރީން ޕީސީބީއަށް އަންގާފައިވާއިރު، މިނިސްޓްރީތަކުގެ ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެ މުވައްޒަފުން ވަކިކުރާނީ، މުވައްޒަފުންގެ މަސައްކަތަށް ބަލައި ޕާފޯމެންސް ބޭސްކޮށް ހެދޭ އިވެލުއޭޝަންތަކަށް ފަހު ކަމަށެވެ.
"ދެން ކުރިއަށް އޮތްތަނުގަ ހަޔަރިން ދާންޖެހޭނީ ކޮންމެ ގޮތެއްވިޔަސް، ހާއްސަކޮށް ކުންފުނިތަކުގަ ދާންޖެހޭނީ އިއުލާނުކުރެވިގެން. އެއްވެސް ވަރަކަށް ސިޔާސީ ރޫޓަކުން ނޫނީ ސިޔާސީ ވިސްނުމެއްގަ، ވަކި މީހަކު ބުނެގެން އައްޔަންކުރާނެ މީހަކު ހުރެގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، މުސްތަގުބަލުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން ނެގުމުގައާއި، މިނިސްޓްރީތަކަށް ސިޔާސީ މަގާމުތައް އައްޔަން ކުރުމުގައިވެސް ބަލާނީ މެރިޓް ބޭސްކޮށް މީހުން ނެގުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.




