3-0 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 13 ވަނަ ފަހަރަށް ހޯދައިފި އެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ނިއު 2020 އާއި 2022 ވަނަ އަހަރު ސަސްޕެންޝަންގައި އޮތުމަށް ފަހު، އެނބުރި އައިސް ފުުރަތަމަ ފަހަރަށް ކުޅުނު ފަހަރު ބައިކޮޅަށް ގޯލެއް ވެސް ނުވަދެ ޗެމްޕިއަންކަން ހޯދި ކަމެވެ.
ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލުގައި ފުރަތަމަ ލަނޑު ޖެހީ 21 ވަނަ މިނިޓްގައި ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ޕެނަންކާ ޕެނަލްޓީ އަކުންނެވެ. ދެ ވަނަ ލަނޑު 40 ވަނަ މިނިޓްގައި ނިއުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގޭރޯ ޖެހިއިރު، ތިން ވަނަ ލަނޑު ވެސް ގޭރޯ ޖެހީ 83 ވަނަ މިނިޓްގައި ބްރެޒިލްގެ ޑަ ސިލްވާ ދިން ހުރަހަކުން ބޮލުންނެވެ.
ނަތީޖާ ހަމަހަމަކުރަން ޓީސީ އަށް ވެސް ދެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ހިލޭ ޖެހުމެއްގައި ޓީސީން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ނިއުގެ ކީޕަރު، މުހައްމަދު ފައިސަލް އަތްމަތިން ގޮސް، ޓީސީގެ މުހައްމަދު އަޖުފާން ބޮލުން ޖައްސާލި ނަމަވެސް، ގޯލަށް ފޮނުވާލަން ކުޅުންތެރިއަކު އަރައިނެތެވެ. އަދި، އޭގެ ފަހުން، ޓީސީގެ އަހުމަދު ރިލްވާން (ބެން) ހުސްކޮށްލާފައި ދިން ބޯޅަ އެ ޓީމުގެ ނައިޖީރިއާ މިޑްފީލްޑަރު، އިބްރާހިމް ޖިމޯ އަށް ރަނގަޅަށް ކޮންޓްރޯލް ކުރެވޭ ގޮތެއްނުވި އެވެ.
ދިވެހި ފުުޓްބޯޅަ ސީޒަން ނިމިގެން ދިޔައިރު، ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އަދި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ މާޒިޔާ ބަލިކޮށް ފުުރަތަމަ ޑިވިޝަނަށް އަލަށް ނިކުތް އޮޑި ސްޕޯޓްސް ކްލަބް އެވެ.





