ނިމިދިޔަ އިންތިހާބުން ސަރުކާރަށް މުހިންމު ފިލާވަޅުތައް ލިބިއްޖެ: ޝުޖާއު

ނިމިދިޔަ އިންތިހާބުން ސަރުކާރަށް މުހިންމު ފިލާވަޅުތައް ލިބިއްޖެ: ޝުޖާއު

ނިމިދިޔަ އިންތިހާބުތަކުން ސަރުކާރަށް މުހިންމު ފިލާވަޅުތަކެއް ލިބިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ހއ. އުތީމު ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީ އަށް ފުރިހަމަ އަގުލަބިއްޔަތު ލިބުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ކުރައްވަމުން ގެންދަވާ ލީޑަރެކެވެ. ނިމިދިޔަ ކައުންސިލް އިންތިހާބުތަކުން ރައްޔިތުން ދިން މެސެޖަކީ ސަރުކާރަށް ތާއީދު އޮތް ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ދިވެހި ރައްޔިތުންގެ ތާއީދު އޮތީ ޕީއެންސީގެ ސިޔާސަތުތަކަށް ކަމަށް ވިދާޅުވަމުން، 2028 ވަނަ އަހަރާ ހަމައަށް ދާ އިރު ސަރުކާރުން އިސްލާހު ކުރަންޖެހޭ ކަންކަން ހުރިކަން ރައީސް ގަބޫލު ކުރައްވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އަދި ސަރުކާރު ހިންގުމުގައި ގެންނަންޖެހޭ ބަދަލުތައް އިހްލާސްތެރިކަމާ އެކު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދެ އަހަރު ސަރުކާރުގެ އެންމެ ބޮޑު މަސައްކަތަކީ ކުރީ ސަރުކާރުތަކުން ގައުމު ވައްޓާލާފައިވާ ދަރަނީގެ އަނދަވަޅުން ސަލާމަތްކުރުމެވެ. ކައުންސިލް އިންތިހާބަށް ތިން ދުވަހަށް ވެފައި ވަނިކޮށް ކުރީ ސަރުކާރުން ނެގި ބޮޑު ލޯނަކަށް ފައިސާ ދެއްކިކަންވެސް ޝުޖާއު ހަނދާންކޮށްދެއްވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *