ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފި އެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވަރަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 30 މޭލާ ހަމައަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކޮށްފައި ވެ އެވެ.
ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާ ކުރެ އެވެ.
ހުކުރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވި ނަމަވެސް، ކެރީގެ އަސަރު ކޮންމެ ވެސް ވަރަކަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ފާހަގަ ކޮށްފައިވެ އެވެ. ވާރޭ ވެހުން މަދުވި ނަމަވެސް ވަޔާއި ކަނޑުތައް ކޮންމެ ވެސް ވަރަކަށް ގަދަވާނެ ކަމަށް ވެސް ބެލެވެ އެވެ.





