ޕީއެސްޖީ ސެމީ ފައިނަލަށް، ލިވަޕޫލް ކަޓައިފި

ޕީއެސްޖީ ސެމީ ފައިނަލަށް، ލިވަޕޫލް ކަޓައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ލިވަޕޫލް 2-0 އިން ބަލިކޮށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި ކުޅުނު މި މެޗުގައި ދެ ލަނޑުވެސް ޖެހީ ފްރާންސްގެ ތަރި އޮސްމާން ޑެމްބެލޭ އެވެ. ފުރަތަމަ ލަނޑު ޖެހީ މެޗު ނިމެން 20 މިނެޓަށް ވެފައިވަނިކޮށް، ކްވަރަޓްސްކޭލިއާ ދިން ބޯޅައަކުން އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުންނެވެ. ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ބާކޯލާ ދިން ބޯޅައަކުންނެވެ.

ޕީއެސްޖީ މި ސީޒަނުގައި ސެމީ ފައިނަލަށް ދަތުރުުކުރީ ފުރަތަމަ ލެގުގައި ވެސް 2-0 އިން ލިވަޕޫލް ބަލިކޮށްފައި އޮތުމުން، އެގްރިގޭޓް  4-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. ޗެމްޕިއަންސް ލީގުގެ ތާރީހުގައި ޖެހިޖެހިގެން ތިން ފަހަރު ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަރަންސޭސި ކްލަބުގެ ޝަރަފު ވެސް ޕީއެސްޖީ ވަނީ ހޯދާފަ އެވެ.

މެޗުގެ ކުރީކޮޅު ލިވަޕޫލަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެޓީމުގެ ފޯވާޑް ހޫގޯ އެކިޓިކޭއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމެވެ. އޭނާގެ ބަދަލުގައި ކުޅެން އެރި މުހައްމަދު ސަލާހު ވަނީ މެޗުގެ އޮއިވަރު ބަދަލުކޮށްލަން މަސައްކަތްކޮށްފަ އެވެ. ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީ ވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ ކެންސަލްކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑެމްބެލޭ އެވެ.

މި ނަތީޖާ އާއެކު ލިވަޕޫލަށް މި ސީޒަނުގައި އެއްވެސް ތަށްޓެއް ހޯދުމަށް އޮތް ފުރުސަތު ވަނީ ގެއްލިފަ އެވެ. ކޯޗު އާން ސްލޮޓަށް ޖެހިފައިވަނީ، ކްލަބަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިދިނުމަށް ޕްރިމިއާ ލީގުުގެ ގަދަ ފަހެއްގެ ތެރޭގައި ލިވަޕޫލް ހިމެނުމަށް މިވަނީ ބޮޑު މަޖުބޫރުކަމެއް ކުރިމަތިވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *