ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ވީއައިއޭގެ އަހަރީ ދުވަހުގެ ޙަރަކާތްތައް މިއަދު ފެށީ ހެނދުނު 6:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. ޓާރމިނަލް 1 ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ މި ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފްއެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްޢާންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހާ ގުޅޭ ޚާއްޞަ ކޭކެއް ވަނީ ފަޅައިފައެވެ.
މި ރަސްމިއްޔާތަށްފަހު ކުންފުނީގެ މެނޭޖުމަންޓުގެ ބޭފުޅުންނާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކަށް ޒިޔާރަތް ކުރައްވައި މުވައްޒަފުންނާ ބައްދަލުކުރައްވައި މުވައްޒަފުންނަށް ދުވަހުގެ ތަޙުނިޔާ ވިދާޅުވެ ހިތްވަރު ދެއްވައިފައެވެ.
ވީއައިއޭގެ އަހަރީ ދުވަހުގެ ޙަރަކާތްތައް ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ވަނީ ޚާއްޞަ ރަސްމިއްޔާތަކާއެކު ހަވީރުގެ ސައެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އަހަރީ ދުވަހުގެ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލި މުބާރާތުން އެއްވަނަ ހޯދި މުވައްޒަފަށާއި އަހަރީ ދުވަހާ ގުޅުވައިގެން ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ބޭއްވި ޒީނަތްތެރިކުރުމުގެ މުބާރާތުން އެއްވަނައަށް ދިޔަ ޑިޕާޓްމަންޓަށް ވަނީ އިނާމު ދީފައެވެ.
މި އިނާމުތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދުއެވެ.





