މާޒިޔާ ސިއްސުވާލުމަށްފަހު ބުރު ސެމީއަށް: އެފްއޭ ކަޕުން ޗެމްޕިއަން ކަޓައިފި

މާޒިޔާ ސިއްސުވާލުމަށްފަހު ބުރު ސެމީއަށް: އެފްއޭ ކަޕުން ޗެމްޕިއަން ކަޓައިފި

އެފްއޭ ކަޕުގެ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަޓުވާލުމަށްފަހު، މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ބުރު ސްޕޯޓްސް ކުލަބުން ކަށަވަރުކޮށްފިއެވެ. ހޮނިހިރު ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ ކުއާޓާ ފައިނަލް މެޗުން ބުރު ކުރިހޯދީ ޕެނަލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން މާޒިޔާއިން ވަނީ ކުޅުން ރަނގަޅުކޮށް ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މާޒިޔާގެ ފުރަތަމަ ލަނޑު 51 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ހަމްޒާ މުޙައްމަދު ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު 62 ވަނަ މިނެޓުގައި ޖަހައިދިނީ ޒުވާން ތަރި މުޙައްމަދު އިލާން އިމްރާނެވެ.

މާޒިޔާއިން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި، ބުރުން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. 70 ވަނަ މިނެޓުގައި ގާސިމް ތޯއިފް ބުރުގެ ފުރަތަމަ ލަނޑު ޖަހައިދިންއިރު، އޭގެ ދެ މިނެޓު ފަހުން ނިއަންގް ޑިއާނޭ ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބުރުގެ އަލާއުއްދީން، އަހްމަދު އަބްދުﷲ، އަބްދުﷲ ޔާމީން، ހަޑްސަން ޑިއާޒް، ޑިއާނޭ އަދި ނައިސަމް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މާޒިޔާގެ ފަރާތުން ސިފާއު އާއި ލުއިސް ޕަބްލޯގެ އިތުރުން ކެޕްޓަން ސަމޫޙު ޖެހި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފައެވެ.

މި މޮޅާއެކު މުޙައްމަދު ނިޒާމްގެ އިރުޝާދުގެ ދަށުން ކުޅޭ ބުރު ސްޕޯޓްސް ކުލަބު ސެމީ ފައިނަލުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ޓީސީ ސެމީއަށް ދަތުރުކުރީ ވިކްޓްރީ ސްޕޯޓްސް ކުލަބު 3-1 އިން ބަލިކުރުމަށްފަހުއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ ބުދަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކުޅޭ ފުރަތަމަ ސެމީގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ބްލޫ ސްޕޯޓްސް ކުލަބު ބައްދަލުކުރާއިރު، ބުރާއި ޓީސީ ބައްދަލުކުރާ މެޗު އޮންނާނީ އެރޭއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *