އީރާނާއެކު ކުރިއަށް ގެންދިޔަ ނިއުކްލިއާ މަޝްވަރާތައް ފެއިލްވެ، ވެންސް ހުސްއަތާ ގައުމަށް

އީރާނާއެކު ކުރިއަށް ގެންދިޔަ ނިއުކްލިއާ މަޝްވަރާތައް ފެއިލްވެ، ވެންސް ހުސްއަތާ ގައުމަށް

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ 21 ގަޑިއިރުގެ ދިގު މަޝްވަރާތަކަށްފަހު، އެއްވެސް އެއްބަސްވުމަކަށް ނުދެވި، އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ހުސްއަތާ ގައުމަށް ވަޑައިގެންފި އެވެ.

ވެންސް ވިދާޅުވީ، ގައުމަށް ވަޑައިގަންނަވަނީ "އެންމެ ފަހުގެ، އެންމެ ރަނގަޅު ހުށަހެޅުން" ހުށަހަޅައިފައި ކަމަށާއި، ގޮތެއް ނިންމުމަށް އީރާނަށް ވަގުތު އެބަ އޮތް ކަމަށެވެ. ވެންސްގެ ވަފުދުގައި ރައީސް ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނާ އަދި ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވެސް ހިމެނިވަޑައިގަތެވެ.

މި ދެ ފަރާތުގެ މައިގަނޑު ހިލާފަކީ ނިއުކްލިއާ ހަތިޔާރުގެ މައްސަލަ އެވެ. ވެންސް ވިދާޅުވީ، ކުރިއަށް އޮތް ދިގު މުއްދަތަކަށް ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ސާފު ޔަގީންކަމެއް އީރާނުގެ ފަރާތުން ބޭނުންވާ ކަމަށެވެ.

"ހަގީގަތަކީ، އެމީހުން ނިއުކްލިއާ ހަތިޔާރެއް ނުއުފައްދާނެ ކަމާއި، އަދި އެފަދަ ހަތިޔާރެއް އަވަހަށް އުފެއްދުމަށް މަގުފަހިވާނެ ވަސީލަތްތައް ނުހޯދާނެ ކަމުގެ ސާފު ޔަގީންކަމެއް އަޅުގަނޑުމެން ބޭނުންވޭ،" ވެންސް ވިދާޅުވި އެވެ.

"އޮތް ސުވާލަކީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް – ހަމައެކަނި މިހާރަކަށް ނޫން، ނުވަތަ މިއަދުން ފެށިގެން ދެ އަހަރު ދުވަހަކަށް ނޫން، ނަމަވެސް ދިގު މުއްދަތަކަށް – އެމީހުންގެ ކިބައިގައި އަސްލު ނިޔަތް އެބަ އޮތްތޯ؟"

"އަޅުގަނޑުމެންނަށް އަދި އެފަދަ މަންޒަރެއް ނުފެނޭ. އެކަމަކު އެފަދަ ކަމެއް ފެންނާނެ ކަމަށް އުއްމީދު ކުރަން."

ގިނަ ދާއިރާތަކަކުން ވާހަކަ ދެކެވިގެންދިޔަ ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅި، ހަނގުރާމައިގެ ބަދަލު ހޯދުން، ދަތިކުރުމުގެ ފިޔަވަޅުތައް، ސަރަހައްދީ ހަނގުރާމަ ހުއްޓާލުން ފަދަ ކަންކަން ހިމެނޭ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި އެވެ. ތަރުޖަމާނު ބަގާއީ ވިދާޅުވީ، ކާމިޔާބީ ބިނާވަނީ އެމެރިކާ "ޣައިރު ގާނޫނީ ޑިމާންޑުތަކުން" ދުރުހެލިވެ، އީރާނުގެ ހައްގުތައް ގަބޫލުކުރުމުގެ މައްޗަށް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *