ޗާގޯސް އައިލެންޑްސްގެ އިސްތިގުލާލު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުން ތަސްދީގުކުރުމަށް ބޭނުންވާ ގާނޫނުތައް ކުރިއަށް ނުގެންގޮސް ދޫކޮށްލަން އެ ގައުމުގެ ސަރުކާރަށް މަޖުބޫރުވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ފައިނޭންޝިއަލް ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުން ތަސްދީގުކުރުން ހުއްޓާލަން ސަރުކާރަށް މަޖުބޫރުވީ މި ޕްލޭނަށް އެމެރިކާއިން ދެމުންދިޔަ ތާއީދު ހިފަހައްޓާފައިވާތީއެވެ. މި މައްސަލައިގައި ލަންޑަނާއި ވޮޝިންޓަންއާ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، ޒުވާބުތައް ކުރިއަށްދާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
މި އެއްބަސްވުމާ ގުޅޭ ބިލުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހުން ފެށިގެން ވަނީ މަޑުޖެހިފައެވެ. އެއީ 1966 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ވެފައިވާ މުއާހަދާއަށް ހުރަސްއެޅޭ ކަމަށް ބުނެ، އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީން އެ ބިލުގެ ކުރިއެރުން ހުއްޓުވުމަށް ހުށަހެޅުމާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ނުގުޅޭ އެއްބަސްވުމެއް ކަމަށެވެ.
މި މައްސަލައިގައި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބަޑެނޮޗް ސޯޝަލް މީޑިއާގައި ވިދާޅުވީ، ސަރުކާރުން މި ބިލު ބާތިލުކުރަން ނިންމި ނިންމުމަކީ އިނގިރޭސިވިލާތުގެ އިސްތިގުލާލީ ސަރަހައްދު ދޫކޮށްލަން އުޅުމުގެ އިތުރުން، މިހާރުވެސް ބޭނުންކުރަމުންދާ އަސްކަރީ މަރުކަޒަކަށް 35 ބިލިއަން ޕައުންޑް ދައްކަން ޖެހޭ ގޮތަށް އެއްބަސްވުމަކީ ބޮޑުވަޒީރަށް ލިބިވަޑައިގަންނަވާނެ ލަދުވެތި ނާކާމިޔާބީއެއް ކަމަށެވެ.
އިނގިރޭސި ސަރުކާރުން ގަބޫލުކުރާ ގޮތުގައި، މިފަދަ ނިންމުންތަކުގައި އެމެރިކާގެ ތާއީދަކީ އެ ގައުމުގެ ކުރިއެރުމަށާއި ސަލާމަތަށް ވަރަށް މުހިންމު އެއްޗެކެވެ. މި ބިލު ބާތިލުކުރަން ނިންމިކަން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ "ދަ ޓައިމްސް" ނޫހުންނެވެ.
ޗާގޯސްގެ މައްސަލައަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާވެސް ގުޅުންހުރި މައްސަލައަކަށް ވާއިރު، ބައިނަލްއަގުވާމީ މައިދާނުގައި މި މައްސަލައަށް އަންނަ ބަދަލުތަކަށް ގިނަ ފަރާތްތަކުން ދަނީ ފާރަވެރިވަމުންނެވެ.





