ސެންޓޭގެ ހެޓްރިކާއެކު އޮޑި ކަޓުވާލައި ނިއު ރޭޑިއަންޓް ސެމީ ފައިނަލަށް

ސެންޓޭގެ ހެޓްރިކާއެކު އޮޑި ކަޓުވާލައި ނިއު ރޭޑިއަންޓް ސެމީ ފައިނަލަށް

އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ހެޓްރިކާ އެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލުގައި އޮޑި ސްޕޯޓްސް 4-0 ން ބަލިކޮށް، ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިރޭ ގަލޮޅު ދަނޑުގައި ކުޅެވުނު މި މެޗުގައި ނިއުގެ ފުރަތަމަ ލަނޑު، 20 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ކާމިޔާބުކޮށްދިންއިރު، ނުވަ މިނިޓް ފަހުން ދެވަނަ ލަނޑެއްވެސް ޖެހިއެވެ. ދެވަނަ ހާފުގެ 61 ވަނަ މިނިޓްގައި ސެންޓޭ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ހަތަރު ވަނަ ލަނޑު، 85 ވަނަ މިނިޓްގައި ޖަހައިދިނީ ނައިޖީރިއާގެ ފޯވާޑް އަލް ހާޖީ ގޭރޯ އެވެ.

2017 ވަނަ އަހަރު ތަށި ހޯދި ފަހުން ނިއު ވާދަކުރާ ފުރަތަމަ އެފްއޭ ކަޕްގައި، ލީގާއި ޕްރެޒިޑެންޓްސް ކަޕްގައި ވިދިވިދިގެން ތިން ފަހަރު ބައްދަލުުވެ ނިއުއަށް ލިބިފައިނުވާ މޮޅެއް، ފުރަތަމަ ސީޒަނު ޑިވިޝަން ތަޖްރިބާކުރާ އޮޑި ސްޕޯޓްސް އަތުން ހޯދި ހޯދުން ފާހަގަ ކޮށްލެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗް، އަންނަ ބުދަ ދުވަހު ނިއު ބައްދަލުކުރާނީ ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ބްލޫ ސްޕޯޓްސް ސެމީ ފައިނަލަށް ދަތުރު ކުރީ، މިއަދު ހަވީރު ކްލަބް އީގަލްސް ޕެނަލްޓީގައި ބަލިކޮށްގެންނެވެ. ނިއުގެ ތަޖްރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ ދެވަނަ ހާފުގެ ފަހު ވިހި މިނިޓަށް ކުޅެން މިކުމެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *