އިސްރާއީލުގެ މިހާރުގެ ސަރުކާރަކީ 1948 ވަނަ އަހަރު އެ ގައުމު އުފެދުނީއްސުރެ މިހާތަނަށް އުފެދުނު އެންމެ ހަރުކަށި ސަރުކާރު ކަމަށް، މަޝްހޫރު ލިޔުންތެރިޔާ އިޔާދު އަބޫ ޝަކްރާ ވިދާޅުވެއްޖެއެވެ.
އަރަބި ނިއުސްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި އިޔާދު ފާހަގަ ކުރެއްވި ގޮތުގައި، އިސްރާއީލުގެ ސިޔާސީ މަސްރަހު މިހާރު ވަނީ ކުރީގެ ސޯޝަލިސްޓް ފިކުރުތަކާ ދުރަށް ގޮސް، ހައްދުފަހަނައެޅި ކަނާތު ފިޔައިގެ ބާރުގެ ދަށަށް ގޮސްފައެވެ. ކުރީގެ ދުވަސްވަރު އިސްރާއީލުގައި "މަޕާއި" ފަދަ ޕާޓީތަކުގެ ނުފޫޒު ގަދަވި ނަމަވެސް، މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.
މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ވަޒީރުންނަކީ ބިރުވެރި އަދި ހަރުކަށި ފިކުރުގެ ބޭފުޅުންނެވެ. އޭގެތެރޭގައި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު އާއި ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ހިމެނެއެވެ. ބެން-ގްވީރުގެ "ޖޫވިޝް ޕަވަރ" ޕާޓީގެ ބައެއް މެންބަރުން ވަނީ ފަލަސްތީނުގެ ކުޑަކުދިން މެރުމަކީ "އާދައިގެ ކަމެއް" ކަމަށް ބުނެފައެވެ. އަދި ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ބާރުއަޅާ ބިލުތައް ވެސް ދަނީ ހުށަހަޅަމުންނެވެ.
އިޔާދު އަބޫ ޝަކްރާ ފާހަގަކުރެއްވި އެންމެ ބޮޑު އެއް ކަމަކީ އިސްރާއީލުން ގެންގުޅޭ ދެފުށްގެރޭ ސިޔާސަތެވެ. އެގޮތުން، ދުނިޔޭގެ ކުރިމަތީގައި ފަލަސްތީނާއި ލުބުނާނުގެ ރައްޔިތުން މަރައި، ހޮސްޕިޓަލްތަކާއި ސްކޫލްތައް ސުންނާފަތި ކުރަމުންދާއިރު، ހަމަ އެ އިސްރާއީލުން އެހެން ގައުމުތަކަށް އަހުލާގީ މިންގަނޑުތަކާއި އިންސާނީ ހައްގުތަކާ ބެހޭގޮތުން "ނަސޭހަތް" ދިނުމަކީ ބޮޑު ފަރަގެކެވެ.
އިސްރާއީލުގެ ތެރޭގައި ވެސް މި ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވާ، އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ ބައެއް ފަރާތްތައް އެބަތިބި ކަމަށެވެ. މިސާލަކަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ "ހާއާރެޓްޒް" އިން ވަނީ ސަރުކާރުގެ މި ހަރުކަށި އަމަލުތައް ކުށްވެރިކޮށްފައެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން ހިންގާ "އެޕާތައިޑް" ނުވަތަ ނަސްލީ ތަފާތުކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން، ޑިމޮކްރަސީއަށް އޮތް ފުރުސަތު ދަނީ ގެއްލެމުންނެވެ.
އިންސާފާއި، ގާނޫނީ ހިމާޔަތަކީ ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ލިބެންޖެހޭ އެއްޗެއް ކަމަށާއި، އެކަކު އަނެކަކަށް އިހުތިރާމް ނުކޮށް ގާއިމުކުރެވޭނެ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ





