ކައްކާ ގޭހުގެ އާ ޝިޕްމަންޓެއް ރާއްޖެއަށް ގެނެސް ވިއްކަން ފަށައިފި

ކައްކާ ގޭހުގެ އާ ޝިޕްމަންޓެއް ރާއްޖެއަށް ގެނެސް ވިއްކަން ފަށައިފި

ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ގެނެސް، އާންމުންނަށް ވިއްކަން ފަށާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނިގޮތުގައި، މި ޝިޕްމަންޓް ރާއްޖެ ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ޝިޕްމަންޓާއެކު، މޯލްޑިވްސް ގޭސް މެދުވެރިކޮށް 10 ކިލޯގެ ގޭސް ފުޅި ދަތިކަމެއް ނެތި އާންމުންނަށް ލިބޭނެ ކަމަށް ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެސްޓީއޯ އިން ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދީ ހަލުވިކަމާ އެކު މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކޮށްފައެވެ.

މެދުއިރުމައްޗާއި ގަލްފުގެ ހަލަބޮލިކަމާ ގުޅިގެން ތެލާއި ގޭހުގެ ބައިނަލްއަގުވާމީ އަގުތަކަށް ބަދަލު އަތުވެދާނެ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. އެ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ގޭހުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާ ކުރައްވާފައެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ، ގޭހުގެ އަގު ބެލެހެއްޓުމާ ގުޅޭ ގޮތުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމާ ގުޅިވަޑައިގެން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު ކަނޑައެޅެނީ މަހަކު އެއް ފަހަރު ކަމަށާއި، މި މަހު ރާއްޖޭގައި ގޭހުގެ އަގު ކަނޑައެޅިފައިވަނީ ސައުދީ އަރަމްކޯ ކުންފުނީގެ އަގުތަކަށް ބިނާކޮށް ކަމަށް ވިދާޅުވިއެވެ. ސައުދީ އަރަމްކޯ އިން މިހާރު ގޭސް ޓަނެއް ވިއްކާ އަގަކީ ގާތްގަނޑަކަށް 775 އެމެރިކާ ޑޮލަރެވެ.

ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ހުއްޓުމެއް ނެތި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށްވާއިރު، ބައިނަލްއަގުވާމީ ބާޒާރުގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމުގެ ޔަގީންކަން ދީފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *