މިރޭ މުޒާހަރާ ބާއްްވަނީ ހުއްދަ ނުހޯދައި، ޒިންމާވާނެ ބަޔަކު ނެތް: ފުލުހުން

މިރޭ މުޒާހަރާ ބާއްްވަނީ ހުއްދަ ނުހޯދައި، ޒިންމާވާނެ ބަޔަކު ނެތް: ފުލުހުން

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގާ މޯލްޑިވް ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫއާ ދެކޮޅަށް އަޑުއުފުލުމަށް ކަމަށް ބުނެ، މިރޭ މާލޭގައި ބާއްވަން އިއުލާނުކޮށްފައިވާ މުޒާހަރާ ކުރިއަށްގެންދަނީ، އެއްވުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކުރާ ގޮތަށް ހުއްދަ ހޯދުމެއް ނެތި، އަދި ސަލާމަތީ ކަންކަން ބަލަހައްޓާ އިދާރާއަކަށް ރަސްމީކޮށް އެންގުމެއް ނެތް ގޮތަށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، މިރޭ ބާއްވަން ރާވާފައިވާ އެއްވުމުގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި، އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން، ކުރިއަށް ހުއްދަ ހޯދުމެއް ނެތި އެއްނުވެވޭ ތަނެއްގައި އެއްވުން ނުބޭއްވުމަށާއި، ގާނޫނުގެ އިމުގެ ތެރޭގައި އެއްވުމުގެ ހުރިހާ ކަމެއް ކުރިއަށްގެންދަން އިންތިޒާމުކުރާ ފަރާތްތަކަށް ފުލުހުން އިލްތިމާސްކުރިއެވެ.

2013 ގައި އަމަލުކުރަން ފެށި "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގުގެ ގާނޫނު" ގެ 27 ވަނަ މާއްދާގައި ބުނާ ގޮތުން، އެއްވުމެއް ބާއްވާނަމަ އެކަމުގެ ނޯޓިސް ދިނުމަކީ އިންތިޒާމުކުރާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. ފުލުހުންނަށް ނޯޓިސް ދިނުމުގެ ބޭނުމަކީ އަމާންކަމާއެކު އެއްވުން ބޭއްވޭނެ ގޮތް ހަމަޖެއްސުމާއި، އެހެން މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުން ކަށަވަރުކުރުމެވެ.

ގާނޫނުގައި ބަޔާންކުރާ ގޮތުން މާލޭގައި ކުރިއަށް އެންގުމެއް ނެތި އެއްވެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައެވެ. މި ސަރުކާރަށް ހަވާލުވުމާ ހަމައަށް އެފަދައިން އެއްވެވުނީ ކާނިވާ ސަރަހައްދަށް ކަމަށާއި، މި ސަރުކާރުން އިތުރު ތިން ސަރަހައްދެއް، ރަސްފަންނާއި އިންޑަސްޓްރިއަލް ވިލެޖާއި އުސްފަސްގަނޑު ކަނޑައަޅާފައިވާ ކަމަށް ބުނެވެއެވެ. މިރޭ އެއްވުން ބާއްވަން ނިންމާފައިވާ އާޓިފިޝަލް ބީޗަކީ އެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ތަނެއް ނޫނެވެ.

ފުލުހުންނަށް ނޯޓިސް ނުދީ އެއްވުން ބޭއްވުމަކީ، އެއްވުމުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުންނަށް ދަތިވާނެ ކަމެއްވެސްމެއެވެ. އެއްވުމުގެ ތެރޭގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގައިފިނަމަ، އެކަން ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަންވެސް ފުލުހުން ދީފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *