މިރޭގެ މުޒާހަރާ ގާނޫނާ ހިލާފުވެއްޖެނަމަ ހުއްޓުވާނަން: ފުލުހުން

މިރޭގެ މުޒާހަރާ ގާނޫނާ ހިލާފުވެއްޖެނަމަ ހުއްޓުވާނަން: ފުލުހުން

މާލޭގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވުމަށް ރާވަމުންދާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އިލްތިމާސްކޮށް، ގާނޫނާ ހިލާފުވެއްޖެނަމަ ވަގުތުން ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް މަސައްކަތްކުރުމަށް އުފައްދާފައިވާ "ގައުމީ ހަރަކާތުން" މި އެއްވުން ބާއްވަނީ ކަމަށް ބުނެވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، އެއްވުމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި، އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން، ކުރިން އެންގުމެއްނެތި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަނާ ބޭރުގައި އެއްނުވުމަށާއި، އެއްވެސް ފަރާތަކަށް ދަތިނުވާނެހެން އެއްވުން ކުރިއަށްގެންދިއުމަށް ފުލުހުން އިލްތިމާސްކުރިއެވެ.

"އެ އެއްވުމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ އަމަލުތައް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ،" ފުލުހުން ބުނެފިއެވެ.

ފާއިތުވި ދުވަސްތަކުގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ސިލްސިލާކޮށް އެއްވުންތައް ބާއްވަމުން އަންނަ މި ހަރަކާތުގައި، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްކޮށް ހަރަކާތްތެރިވެއެވެ. އިދިކޮޅު އެމްޑީޕީއާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްވެސް ބައިވެރިވެއެވެ. އެމްޑީޕީން ވަނީ، މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ވޯޓެއް ނުނަގާނަމަ ސީދާ ހަރަކާތަށް ނުކުތުމަށް ނިންމާފައެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އެ މަޝްރޫއުގައި ރައްޔިތުންނަށް އޮތީ މުޅިންވެސް ފައިދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި އެކަމުގައި އާންމު ވޯޓެއް ނުނަގާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *