އިރާނުގެ އާންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާދީ، ބިރުވެރި ހަނގުރާމައެއް ފުޅާކުރާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވަމުންދާ އިންޒާރުތަކާ ގުޅިގެން، އޭނާގެ ބުއްދި ގޯސްވެފައިވާ ކަމަށް ތުހުމަތުކޮށް މަގާމުން ދުރުކުރުމަށް ގޮވާލާ އަޑުތައް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ގަދަވެއްޖެއެވެ.
އެމެރިކާގެ ކޮންގްރެސް މެންބަރުން ސަރުކާރުގެ އިސްވެރިންނަށް ގޮވާލައްވަމުން ދަނީ، ގައުމުގެ ގާނޫނުއަސާސީގެ 25 ވަނަ އިސްލާހުގެ ބޭނުން ކޮށްގެން ޓްރަމްޕް މަގާމުން ވަކިކުރުމަށެވެ. މި މާއްދާއަކީ ރައީސަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ފަދަ ނަފްސާނީ ނުވަތަ ޖިސްމާނީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ބާރުތައް ބަދަލު ކުރުމަށް އޮންނަ ގާނޫނީ ހައްލެކެވެ.
މި މައްސަލާގައި އެރިޒޯނާގެ ކޮންގްރެސް މެންބަރު ޔާސަމީން އަންސާރީ ވަނީ ޓްރަމްޕްގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓްރަމްޕް ގެންދަވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ބިރުވެރި ހަނގުރާމައެއްގެ ބިންގާ އަޅަމުން ކަމަށެވެ.
"ޓްރަމްޕް މި ގެންދަވަނީ ބިރުވެރި، ގައިރު ގާނޫނީ ހަނގުރާމައެއް ފުޅާކުރަމުން. އޭނާ ދަނީ ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގާނެ ކަމުގެ އިންޒާރު ދީ، އިރާންގެ އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކުރަމުން،" ޔާސަމީން އަންސާރީ ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، ޔާސަމީން ފާހަގަ ކުރެއްވި ގޮތުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޓްރަމްޕް ގެންގުޅުއްވި ބަސްމަގާއި ނިންމެވުންތަކަކީ ހުރިހާ "ރަތް ރޮނގެއް" ހުރަސްކޮށްފައިވާ ކަންކަމެވެ. އެހެންކަމުން، މިފަދަ ނުރައްކާތެރި ހާލަތެއްގައި ގައުމުގެ ހުންގާނު ހިފެހެއްޓުމުގެ ގާބިލުކަން ޓްރަމްޕްގެ ކިބައިގައި ނެތް ކަމަށް ގިނަ މެންބަރުން ދަނީ ބުނަމުންނެވެ.
މި ހަމަނުޖެހުންތައް އުފެދިފައި މިވަނީ، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ޓްރަމްޕްގެ ހަރުކަށި ބަސްމަގުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން ވެސް އިންތިހާއަށް އިތުރުވެފައިވާ ވަގުތެއްގައެވެ. ކޮންގްރެސްގެ ގިނަ މެންބަރުން ގަބޫލުކުރާ ގޮތުގައި، ޓްރަމްޕްގެ މި ނިންމުންތަކަކީ ދުނިޔޭގެ ސުލްހަ މަސަލަސްކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.





