އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް ދީފައިވާ މުހުލަތު އިތުރު 24 ގަޑިއިރަށް ދިގުދައްމަވާލައްވައިފި އެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާ ތާރީހަކީ އަންގާރަ ދުވަހުގެ ރޭގަނޑު 8:00 (އީސްޓަން ޓައިމް)، އެއީ ބުދަ ދުވަހުގެ ދަންވަރު 12:00 ގްރީނިޗް ވަގުތުން ކަމަށެވެ.
ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، މި މުހުލަތު ހަމަވިއިރު ވެސް ހައްލެއް ނުލިބިއްޖެ ނަމަ، އީރާނުގެ ތެޔޮ ވަޅުތަކާއި ބޮޑެތި ފާލަންތައް ހަލާކުކޮށްލާނެ ކަމަށެވެ. "އަހަރެމެން މިތިބީ ވަރަށް ވަރުގަދަ މަގާމެއްގައި. ގައުމު އަލުން ބިނާ ކުރަން 20 އަހަރު ނަގާނެ، ނަސީބު ރަނގަޅިއްޔާ،" ޓްރަމްޕް ވިދާޅުވި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.
ހޯމަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، ދެ ގައުމު ދެމެދު ވާހަކަ ހިނގަމުންދާ ކަމަށާއި، ހަލުވިކަމާ އެކު ހައްލަކަށް ދެވިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހަމަ ނިއުކްލިއާ ހަތިޔާރު ހެދުން ހުއްޓާލުމަށް ވެސް ވެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވަނީ 28 ފެބްރުއަރީ 2026 ގައި، އެމެރިކާ އާއި އިސްރާއީލުން ފެށި ހަމަލާތަކާ ގުޅިގެންނެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ މި ކަނޑުއޮޅި ބަންދުވުމުން ބައިނަލްއަގްވާމީ ބާޒާރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވެ އެވެ.
ހަމަ މިއާ ގުޅިގެން ރިޕޯޓްތައް ބުނާ ގޮތުން، ކުުރދިސްތާންގެ ފަރާތްތަކެއް މެދުވެރިކޮށް، އީރާން ސަރުކާރާ ދެކޮޅަށް ތެދުވެ ތިބި ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދިން ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ނަމަވެސް، އިރާގުުގެ ކުުރދިސްތާންގެ ސަރުކާރުގެ ބޮޑުން ވަނީ ހަތިޔާރު ދިން ކަމަަށް ބުނާ ވާހަކަތައް ދޮގު ކުރައްވާފަ އެވެ.





